ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުންގެ ނަސްލުހޭދަ ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަން ފަށައިފިއެވެ. ހުޅަނގު އައްސޭރިއަށް ނިރުބަވެރި ސިފައިން ފޮނުވައިގެން ޔަހޫދީން ލާއިންސާނީ ޖަރީމާތައް ހިންގަން ފަށާފައި ވަނީ ޖަނަވަރީ 21ވަނަ ދުވަހުއެވެ.
ޔަހޫދީ ސިފައިން މި ވަގުތު ޢުދުވާން ހިންގަމުން ދަނީ ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕުތަކުގައެވެ. ޢުދުވާނީ ޙަމަލާތަކުގައި އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުން ދިޔަ ގެދޮރާއި އިމާރާތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އަދި، ޢުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
“[ޖިނީން ރެފިއުޖީ] ކޭމްޕުގައި ހިންގަމުންދާ ޖަރީމާތައް ސާފެއް ނޫން، ނަމަވެސް މެދުކެނޑުމެއް ނެތި އިމާރާތްތަކާއި މަގުތައް ދަނީ ސުންނާފަތި ކުރަމުން،” ޖިނީން ކޭމްޕުގެ އިދާރީ ޚިދުމަތްތައް ބަލަހައްޓާ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު އަލް-ސައްބާޣް ވިދާޅުވިއެވެ.
ބަރުހަތިޔާރާ އެކު އަރައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޖަރީމާތައް ހިންގަމުން ދަނީ ޖިނީންގެ އިތުރުން ޚަލީލާއި ޠުލްކަރްމާއި ނޫރް ޝަމްސާއި ޠޫބަސްގައެވެ. އެންމެ ނުރައްކާތެރި ޙަމަލާތައް ދެމުން ދަނީ އެ ސަރަޙައްދުތަކުގައި ހުރި ރެފިއުޖީ ކޭމްޕުތަކަށެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށެވެ.
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ން ބުނީ، ޖަނަވަރީ މަހުން ފެށިގެން ހުޅަނގު އައްސޭރީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން 40,000ށްވުރެ ގިނަ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ކަމުގައެވެ.
ފަލަސްޠީނުގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ބުނީ ޖިނީން ދޫކޮށް 17,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމުގައެވެ. އަދި، ނޫރް ޝަމްސުން 6,000ށްވުރެ ގިނަ މީހުން ފައިބާފައިވާއިރު ޠުލްކަރްމުން 10,000ށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ ކަމުގައެވެ. އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއާއި ރެޑް ކްރޮސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔަހޫދީ ފައުޖުން ހުޅަނގު އައްސޭރީގެ އުތުރުގެ ސަރަޙައްދުތަކަށް އަރައި ޢުދުވާން ހިންގަން ފަށާފައި ވަނީ ޖަނަވަރީ 21ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު މެދުކަނޑައިލުމަށް ފަހުއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށި ޢުދުވާންތައް މެދުކަނޑައިލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.