ޚަބަރު

ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • 5 މާރުކޭޓެއްގައި އިމިގްރޭޝަންގެ ރެއިޑް ވަނީ ހިންގާފައި

  • ފާއިތުވި އަހަރުގެ ތެރޭގައި 6000 އަށްވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލާފައި

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން ދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ޚާއްސަ ރެއިޑު އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މާލޭގައި ހިންގަމުންދާ 5 ކުދި މާރުކޭޓެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައިވެސް ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ. މިގޮތުން ފާއިތުވި އަހަރުގެ ތެރޭގައި 6000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.