ޚަބަރު

އިތުރު 5 ކައުންސިލަކުން 7 ފަޅުރަށެއް ހޯދަން އެދިފައިވޭ


  • 3 ކައުންސިލަކަށް 4 ފަޅުރަށެއް މިހާރު ވަނީ ދޫކޮށްފައި

  • މިއީ ބިން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތް ކުރުމަށް ހުޅުވާލާ ފުރުސަތެއް

މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް ހުށައަޅާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން ފުރަތަމަ ފަހަރަށް 3 ކައުންސިލަކާއި 4 ފަޅުރަށެއް ހަވާލުކުރީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފަޅުރަށްތައް ޕްރޮޕޯސަލް ހުށައަޅައިގެން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ފަހި ފުރުސަތުގައި މިހާތަނަށް 3 ކައުންސިލަކުން 4 ފަޅުރަށް ހޯދާފައިވާކަމަށެވެ. އެއީ ރ. އިނގުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލްގެ އިތުރުން ލ. މާވަށު ކައުންސިލެވެ.

ވަޒީރު ވިދާޅުވީ، މި ފުރުސަތުގައި ވަރަށް ގިނަ ކައުންސިލްތަކުން ފަޅުރަށްތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް މިހާރު ހުށައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރުވެސް އަނެއްކާވެސް އެބަހުރި އިތުރު 5 ކައުންސިލަކުން 7 ރަށް ހޯދުމަށް ހުށައަޅާފައި. އެއީ ހދ.އަތޮޅު ކައުންސިލުން ހދ.ފަރިދޫ، ރ.ދުވާފަރު ކައުންސިލުން ރ.އެނބޫދޫ، ފ.އަތޮޅު ކައުންސިލުން ފ.މަކުނުއެރި، ގދ.ދެއްވަދޫ ކައުންސިލުން ގއ.ވިލިގަލާ އަދި ގދ. އަތޮޅު ކައުންސިލުން ގދ. މާނައިދޫ، ވާރެޔާދޫ އަދި ލޮނުދޫ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ކައުންސިލްތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތްކަމަށެވެ.

ފަޅުރަށްތައް ދޫކުރަނީ ކައުންސިލްތަކަށް ތަފާތު ގިނަ ވިޔަފާރިތައް އެރަށްތަކުގައި ކުރެވޭގޮތަށެވެ. އެގޮތުން ސިނާޢީ މަސައްކަތްތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި އަދި ފަތުވެރިކަމާ ގުޅުންހުރި ވިޔަފާރިތައްވެސް ކުރެވޭނެއެވެ. ނަމަވެސް މުޅި ރަށް އެއްކޮށް އިންވެސްޓަރަކަށް ކުއްޔަށް ދޫކޮށްގެން ކުރާ މަސައްކަތްތަކެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ރައްޔިތުން ބައިވެރިކޮށްގެން ހިންގޭ އެކި ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ބާރުއަޅައެވެ.

ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ، ބިން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމަށާއި ކައުންސިލްތައް ޒިންމާދާރުކުރުވައި މާލީ ގޮތުން ބާރުވެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެތެރެއިންނެވެ. މިއީ ލާމަރުކަޒީ ނިޒާމުގައި މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ.