މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރަހައްދީ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ވިލާ ނޯޓިކާގައި ބޭއްވި ބޭ އޮފް ބެންގާލް ޕްރޮގްރާމުގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ބޭ އޮފް ބެންގާލް ޕްރޮގްރާމް، އިންޓަރ-ގަވަމެންޓަލް އޯގަނައިޒޭޝަންއަކީ ބަންގާޅު ކަނޑުގެ ޤައުމުތައް ހިމެނޭހެން މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަމަށް މަސައްކަތް ކުރާ ޤައުމީ ފެންވަރުގެ ޖަމުޢިއްޔާއެކެވެ. ކުދި މަސްވެރިކަމުގެ ސިނާޢަތްތަކުގެ މަސްވެރިކަން ބެލެހެއްޓުމުގައި ވެށި އިސްކުރުމުގެ ސިޔާސަތު ބައްޓަން ކުރުމުގެ މަތީ ފަންތީގެ މަޝްވަރާ ބައްދަލުމަކީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއާއި ބޭއި އޮފް ބެންގާލް ޕްރޮގްރާމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.
މިމަހުގެ 20 އިން 22 އަށް ކުރިއަށް ގެންދާ މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. މި ބައްދަލުވުމުގައި ޤައުމުގެ ތަކުގެ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވެއެވެ.
މި ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު ވަނީ ދެމެހެއްޓެނި މަސްވެރިކަމެއް އޮތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ޝިޔާމް ވަނީ ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަން ކުރަމުންދާ ޤައުމަކަށްވާއިރު ބީއޯބީޕީއިން ޖަމަޢާތަކުން ދިވެހި ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ދެއްވާ އެއްބާރުލަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރަހައްދީ ޤައުމުތަކުން ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ސަރަހައްދީ ޤައުމުތަކުން މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް، ވަޒީރު ވަނީ ސަރަހައްދުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރެވޭނީ ޤައުމުތަކުގެ އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވެފައެވެ.
"ދިވެހިރާއްޖޭގައި ވަކިން ހާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގައި ކަނޑުމަތީގައި މިހުރިހާ ކަންކަމަށް އަޅުގަނޑުމެން އެކަނި މަސައްކަތްކޮށްގެންނެއް ހައްލެއް ނުއެއް ހޯދޭނޭ. އަޅުގަނޑުމެން ޤަބޫލުކުރަނީ ވަކިން ހާއްސަކޮށް އަޅުގަނޑުމެން ބޯޑަރ ޝެއަރ ކުރާ ޤައުމުތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެން ބޭނުންވާނެ. އަޅުގަނޑުމެންގެ ޤަބޫލުކުރާ ގޮތުގައި ބޭނުންނުވާ ކަންކަން ހުރިހާ ޤައުމެއް އެކުވެގެން ހުއްޓުވޭނެ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ސަރަހައްދީ ޤައުމުތަކުގެ މި މަޝްވަރާ ބައްދަލުވުމުގައި، ރާއްޖޭގެ އިތުރުން ދެން ބީއޯބީޕީގައި ހިމެނޭ އިންޑިއާ، ލަންކާ ބަންގްލަދޭޝް އިން ބައިވެރިވެއެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމީޢްޔާތުގައި އެ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެޤައުމުތަކުގެ މަސައްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މަސްވެރިކަން ތަރައްޤީކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައެވެ.