ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކުރިއިރު، ކުލަބް އެމްޓީސީސީ ބަލިކޮށް ކުލަބް އެޗްޑީސީން ފެށުން ރަނގަޅުކޮށްފިއެވެ.
މި ފަހަރުގެ ލީގުގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި އެމްޓީސީސީގެ މައްޗަށް ސީދާ ތިން ސެޓުން ވަނީ ކުރިހޯދައިފައެވެ. އަދި ދެވަނަ މެޗުގައި ލަޔަންސް ރެކްރިއޭޝަން ކުލަބްގެ މައްޗަށް ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ލަޔަންސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، އޭގެ ފައިދާ ނަގައި މި ސެޓު ޕޮލިހުން ވަނީ ފަސޭހަކަމާއެކު 25-18 އިން ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓުގައި ލަޔަންސްއިން ވަނީ ޕޮލިހަށް ރަނގަޅު ފައިޓެއް ދީފައެވެ. މި މެޗުގައި ލަޔަންސްއަށް ދިމާވީ ސެޓު ނިންމާލުމުގެ މައްސަލަ އެވެ. އޭގެ ފައިދާ ނަގައި ދެވަނަ ސެޓާއި ތިންވަނަ ސެޓު ޕޮލިހުން ގެންދިޔައީ 28-26 އަދި 31-29 އިންނެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ހަވީރު އެޗްޑީސީން އެމްޓީސީސީގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
މާބޮޑު އުނދަގުލަކާ ނުލައި އެޗްޑީސީން މި މެޗު ކާމިޔާބުކުރިއިރު، މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ 25-21، 25-18 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެޗްޑީސީގެ ސެޓަރު ހުސެއިން ވިޝާމްއެވެ.