އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އިޖްތިމާޢީ އަދާލަތުގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައެވެ.
ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22ވަނަ ދުވަހު ފާހަގަކުރަނީ ދުނިޔޭގެ އިޖްތިމާޢީ އަދާލާތުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި އެމަނިކުފާނު ވަނީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އަދާލަތު ކުރިއެރުވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، އިޖުތިމާޢީ އަދާލަތު ޤާއިވެެފައިވާ ދެމެހެއްޓެނިވި ވެއްޓެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނެވިކަން ހާމަކުރައްވާފައެވެ.
މި އަހަރުގެ ޝިޢާރު "ސްޓްރެންތެނިން އަ ޖަސްޓް ޓްރާންޒިޝަން ފޯ އަ ސަސްޓެއިނަބަލް ފިއުޗަރ" އަކީ، ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ، ކުޑަ، ޖަޒީރާ ޤައުމަކުން އިސްކަންދޭ ކަންކަމާއި ގުޅިލާމެހިފައިވާ ޝިޢާރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ތަރައްޤީގެ ހަލުވި ފިޔަވަޅުތަކާ އެއް ހަމައެއްގައި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަ ޝިޢާރުން ދޭހަކޮށްދޭކަން އެމަނިކުފާނު ފާހަގަކުރެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގެ މެންބަރުކަން ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މިއާއެކު ރާއްޖެއިން މަސައްކަތްކުރާނީ، އިޖުތިމާޢީ ވިލުންތެރިކަން އިތުރުކޮށް ސިޔާސަތުތައް ކަނޑައެޅުމުގައި ސިނާޢަތްތަކުގެ އެއްބާރުލުން އިތުރުކޮށްގެން އެކުގައި ކުރާ މަސައްކަތުން، އިޖުތިމާޢީ އަދާލަތުގެ ފާގަތިކަން ހިއްސާކުރުމަށްކަމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ މިސްރާބާއި އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން ދަނީ އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް މަސައްކަތްކޮށް، މޫސުމީ ބަދަލުތަކުން މި ޖަޒީރާތަކަށް ހުރި ހިރާސް ދެނެގަނެ ތިބެގެން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ރަސްމާލެ މަޝްރޫޢު ވެގެންދާނީ ފުރަތަމަ އިކޯ- ސިޓީއަށް ކަމަށާއި، އެއީ، ގެދޮރުވެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށްދިނުމުގައި ދެމެހެއްޓެނިވި މިންގަނޑުތައް ގެންގުޅުމުގެ ނަމޫނާއަކަށް ވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލޯ-ކާބަން އިކޮނޮމީއަކަށް ވާޞިލުވާން ކުރާ މަސައްކަތްތަކަކީ އެންމެން ޝާމިލުކުރާ އަދި އެންމެންނަށް މަންފާ ލިބޭ މަސައްކަތަކަށް ވާން ޖެހޭނޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް 2024-2033 ގައިވާ ލަނޑުދަނޑިތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން، މިންތީގެ ހަމަހަމަކަމާއި އިޖުތިމާޢީ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި، އިޤްތިޞާދީ، އިޖުތިމާޢީ، ތަޢުލީމީ، މަސައްކަތްތެރިކަން އަދި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކުގައި ވެސް، މި ވިސްނުން އިސްކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޒުވާނުންނާއި، އިސްވާރުންގެ ބައިވެރިވުން ކަށަވަރުކޮށްދޭނޭ ފުރުޞަތުތައް އުފެއްދުމުގެ މުހިންމުކަން ދެނެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޖުތިމާޢީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް އުފެއްދުމަކީ، އިންސާފުވެރި ބަދަލަކަށް ލާޒިމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރުން އަންނަ ލޮޅުންތަކާއި، އިޤްތިޞާދީ ހިރާސްތަކާއި މޫސުމީ ގޮންޖެހުންތަކުން މުޖުތަމަޢު ހިމާޔަތްކޮށްދިނުމުގައި މިފަދަ ހަރުދަނާ ނިޒާމުތަކުން އަދާކުރާނޭ ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް އިސްކަންދީގެން، ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އާދަކާދަތަކުން ލިބޭ ޢިލްމާއި ހިލްމުގެ މައްޗަށް ބަރޯސާވާ ލާމަރުކަޒީ ހައްލުތަކެއް ހުރިހާ ފެންވަރެއްގައިވެސް ބޭނުންކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަސައްކަތްކުރައްވާނީ ޒަމާނީ ފަންނިއްޔާތުގެ އެހީގައި ސްމާޓް އަދި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރު ވާނޭ ފަދައިން، މި މުޖުތަމަޢަށް ޑިޖިޓަލް ބަދަލެއް ގެނެސްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެންނަށް އަދުލުވެރި މުސްތަޤުބަލެއް ކަށަވަރު ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އާދަކާދައިން ފެންނަ ފަދަ އިޖުތިމާޢީ ރޫޙު އާލާކޮށް، މާޒީގެ ތަޖުރިބާތަކުން ދަރުސް ލިބިގަނެ، އެއިން ހިތްވަރު ހޯދައިގެން މާދަމާ އުޖާލާ ކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.