ޚަބަރު

ގައުމީ ކްރިކެޓް މުބާރާތް: ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސްއަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 59 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިންކަން ސީބީއެލް ސްޕޯޓްސްއިން ހޯދައިފިއެވެ.

ސީބީއެލްއިން ޗެމްޕިއަންކަން ހޯދީ މިއަދު މާލޭ ކުޅިވަރު އެކުވެނީގައި ކުޅުނު ފައިނަލް މެޗުގައި މިލާން ކްރިކެޓް އެކަޑަމީއާއި ބައްދަލުކޮށް 2 ވިކެޓުން ކާމިޔާބުކޮށްގެންނެވެ.

ގުރު ދިމާވުމުން ސީބީއެލް ގަސްދުކުރީ ހޮވުމަށެވެ. މިލާން ކްރިކެޓް އެކަޑަމީމް ކުޅެންއަރާ 38 ވަނަ އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެންހެދިފައިވަނީ 136 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 27  ލަނޑު ހެދި އަހުމަދު ހަސަންއާއި 21 ލަނޑު ހެދި އަހުމަދު އަމީލް މައުރޫފްއެވެ. މިއިނިންގްސްގައި ޕްރަދީޕް 3 ވިކެޓް އަދި ހަރުސަވަނީ 2  ވިކެޓް ނަގާފައެވެ.

ޖަވާބުގައި ސީބީއެލް ކުޅެންއަރާ 38 ވަނަ އޯވަރުގެތެރޭގައި 139 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ. ތާރަކަ 34 ލަނޑު އަދި މަލިތް 29 ލަނޑު، ލީމް ސަފީގް 2 ވިކެޓް، ރިޒާން 2 ވިކެޓް އަދި އަމީލް 3 ވިކެޓް ނެގިއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީބީއެލްގެ ހަރުސައެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯރޓްސް މުޙައްމަދު ޠަލާލްއެވެ. މީގެ އިތުރުން ކްރިކެޓް ބޯޑުގެ އެގްޒެކެޓިވް ކޮމެޓީމެމްބަރުންވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ ޔޫސުފް އަޒިޔާންއެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ އިބްރާހިމް ރިޒާންއެވެ.

އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ މުހަންމަދު އައްޒާމްއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެސް އެކަޑަމީގެ ތަރޫޝާއެވެ. މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ ޔޫސުފް އަޒިޔާންއެވެ.