ޚަބަރު

ސިޑްސްގެ ވިޔަފާރިއާބެހޭ ފޯރަމްތަކެއް މިއަހަރު ރާއްޖޭގައި


  • 30އަށްވުރެ ގިނަ ޤައުމަކުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ

  • ފޯރަމްތައް ކުރިއަށްދާނީ މިމަހުގެ 23އިން 25އަށް

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާބެހޭ މުހިންމު ފޯރަމްތަކެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"އެވެ. މި ފޯރަމްތައް ކުރިއަށްދާނީ މިމަހުގެ 23 އިން 25 އަށް ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގައެވެ.

މި ފޯރަމްތަކަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިތުރުން އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރާއި، އދ.ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަންރޮސް) ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުމެކެވެ.

އިގުތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ، މި ފޯރަމްތައް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެންދިޔައީ 2024 ވަނަ އަހަރު ބޭއްވި ސިޑްސްގެ 4 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށާއި ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮންފަރެންސްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ޕްލިނިނަރީ ސެޝަންތައް ޗެއަރ ކުރައްވާފައެވެ. އެ ކޮންފަރެންސްގައި ރާއްޖެއިން ތަފާތުފެނަލްތަކުގައި ބައިވެރިވުމުގެ އިތުރުން، ހައި.ލެވަލް ސައިޑް އިވެންޓުތަކެއް ބާއްވާފައިވާއިރު، އެ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ.ޗެއާއެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިިކަމަށް އިގުތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ވިޔަފާރިތަކާއި، އިންވެސްޓަރުން، އެހީދޭ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. މި ބައްދަލުވުމުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް ތަޖުރިބާ ހިއްސާކުރެވޭނެއެވެ.

މިއަހަރު ރަސްމީކޮށް އިފްތިތާޙުކުރާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އަކީ "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބްސް)" ގެ ދަށުން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގެ އަމާޒަކީ ޖަޒީރާ ޤައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަނެ، އިންވެސްޓަރުން ހޯދުމާއި ގުޅުން ބަދަހިކުރުމެވެ.

މި ފޯރަމްގައި ރާއްޖެއިން ތަރައްޤީގެ މަގުގައި ހޯދާފައިވާ ކާމިޔާބީތަކާއި އީޖާދީ މަސައްކަތްތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޢާދަކުރަނިވި ހަކަތަ އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިވެރިންނަށް ދައްކާލުމަށް ޚާއްޞަ ޙަރަކާތްތަކެއް ވަނީ ރޭވިފައެވެ. މި ބައިނަލްއަޤްވާމީ މުހިންމު ފޯރަމުގައި ދުނިޔޭގެ 30 އަށް ވުރެ ގިނަ ޤައުމުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.