ފެބުރުވަރީ 20ވަނަ ދުވަހު އެ ޙަވާލު ކުރި ހަތަރު ހަށިގަނޑުގެ ތެރެއިން އެކެއްގެ ހަށިގަނޑަކީ، އެ ޖަމާޢަތުން ބުނެފައިވާ މީހާގެ ހަށިގަނޑު ނޫން ކަމުގައި ޔަހޫދީން ބުނުމުން ޙަމާސުން އެހެން ހަށިގަނޑެއް ޔަހޫދީންނާ ހަވާލުކޮށްފިއެވެ.. ޙަމާސުން ވަނީ ރަހީނެއްގެ ހަށިގަނޑު އޮޅުނުކަމަށް ބުނާ މައްސަލައިގެ ތަޙުޤީޤެއް ފަށާފައިވާ ކަން އިޢުލާނު ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޙަމާސުން ޙަވާލު ކޮށްފައިވާ ހަށިތަކުގެ ތެރޭގައި ތުއްތު ކުއްޖަކާއި ހަތަރު އަހަރުގެ ފިިރިހެން ކުއްޖެއްގެ ހަށިގަނޑު ހިމެނެއެވެ. ތިންވަނަ ހަށިގަނޑަކީ، އެ ކުދިންގެ މައިމީހާގެ ހަށިގަނޑު ކަމުގައި ޙަމާސުން ބުނި ނަމަވެސް، ފޮރެންސިކް ތަހުލީލުތަކަށް ފަހު ޔަހޫދީން ވަނީ އެއީ އެ ކުދިންގެ މައިމީހާގެ ހަށިގަނޑު ނޫން ކަމުގައި ބުނެފައެވެ. އަދި، ޙަމާސާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކުރުމަށް އަމަލު ކުރަމުންދާ އެއްބަސްވުމާ އެ ޖަމާޢަތުން ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޢުދުވާންތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.
އެ ކަން އިސްލާޙުކޮށް، ޙަމާސުން އެހެން މީހެއްގެ ހަށިގަނޑު ޙަވާލު ކުރުމާ އެކު، ޔަހޫދީން ބުނީ އެއީ ޙަމާސުން ބުނެފައިވާ މީހާގެ ހަށިގަނޑު ކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލު ހަދަން ފަށާފައިވާ ކަމަށެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލެއް ކަމުގައިވާ ބިސްމު ނަޢީމް ވިދާޅުވީ، އެހެން މީހެއްގެ ހަށިގަނޑު ޙަވާލު ކުރެވިފައި ވަނީ އޮޅުމެއްގެ ތެރެއިން ކަމުގައެވެ. އަދި، ޣައްޒާއަށް ޔަހޫދީން ދެމުން ދިޔަ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ބައެއް އަސީރުންގެ ހަށިތައް އޮޅިފައިވާ ކަމުގައެވެ.
"އަސީރުންގެ ހަށިތައް ޙަވާލު ކުރަން ދެކޮޅު ހެދުމަކީ އަޅުގަނޑުމެންގެ ނިޔަތެއް، އަދި ބޭނުމެއް ވެސް ނޫން، އަދި އަސީރުން ބަދަލު ކުރުމަށް އަމަލު ކުރަމުންދާ އެއްބަސްވުމަށް އަޅުގަނޑުމެން އިޙުތިރާމު ކުރުން މަތީ ދެމިތިބޭނަން،" އޭނާ ވިދާޅުވިއެވެ.
ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދެ ކުޑަކުދިންނާއި އެ ކުދިންގެ މައިމީހާ މަރުވީ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން 2023 ނޮވެންބަރުގައި ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކެއްގައި ކަމުގައެވެ. ޣައްޒާގެ މީޑިޔާ އޮފީހުގެ ވެރިޔާ އިސްމާޢީލް ޘަވާބްތާ ވިދާޅުވީ، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ މީހުންގެ މަރުގެ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ. އެ މީހުން މަރުވީ ޔަހޫދީ ފައުޖުގެ ވައިގެ ޙަމަލާތަކެއްގައި ކަން ޤަބޫލު ކުރަން ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން ފެބުރުވަރީ 22ވަނަ ދުވަހު އިތުރު ހަ އަސީރުން މިނިވަން ކުރުމަށް އޮތީ ހަމަޖެހިފައެވެ. އޭގެ ބަދަލުގައި، ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން 602 މީހުން މިނިވަން ކުރަން ޖެހޭނެއެވެ. އަދި، އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމާ މެދު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ފަށާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުން ދިޔަ ޣައްޒާ ޢުދުވާން މެދުކަނޑައިލާފައިވީ ނަމަވެސް، ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ދަނީ ޢުދުވާނެއް ހިންގަމުންނެވެ. އަދި، ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރުގައި އޮތް ރަށެއްގައި ބަސްތަކެއްގައި ބޮންތަކެއް ގޮއްވައިލައިގެން ދިން ޙަމަލާއަކާ ގުޅިގެން، ހުޅަނގު އައްސޭރީގެ ޢުދުވާނީ ޙަމަލާތައް އިތުރުކޮށް ފުޅާ ކުރުމަށް ނިރުބަވެރި ނަތަންޔާހޫ ވަނީ ނިންމާފައެވެ.