ފުޓްބޯޅަ ސީޒަން ކުރިޔަށް ގެންދިއުމުގައި ހުރި ދަތިތައް އޮޅުންފިލުއްވާ މިއަހަރުގެ ސީޒަން ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމާގުޅޭ ފަރާތްތަކާއި އެކު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކުލަބުތަކާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާއި އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމެންޓްގެ ބޭފުޅުންނާއި ވަޒީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ކުލަބުތަކަށް ހުރި ދަތިތަކާއި އެކަކަން ހައްލު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ކުލަބުތަކާއި، ފުޓްބޯޅަ އެސޯސިއޭޝަނާއި ކުޅިވަރާއި ބެހޭ ވުޒާރާއިން އެއް މޭޒެއްގެ ކައިރިއަށް އައިސް މަޝްވަރާކޮށްގެން ދިމާވާ ދަތިތަކަށް ގެނެވެން ހުރި ހައްލުތައް ދެނެގަތުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
ކުޅިވަރު ވުޒާރާއިން ކުލަބުތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާގެ ފުރަތަމަ އިންސްޓޯލްމެންޓް މިދިޔަ ހަފްތާގައި ވަނީ ކުލަބުތަކަށް ދީފައެވެ. އެގޮތުން ކޮންމެ ކުލަބަކަށް 500،000 ރުފިޔާ ޖަމާކޮށްދީފައިވާއިރު އެފްއޭއެމުން 19 ފެބުރުއަރީގައި ކުލަބުތަކަށް ފޮނުވި ޝެޑިއުލުގައި އޮތީ ސީޒަން ފެށުން ރޯދައިގެ ފަހަށް ބަދަލުކޮށްފައެވެ. މިހާރު އޮތްގޮތުން ޗެރިޓީ ޝީލްޑް މެޗު ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށެވެ. އަދި ދިވެހި ޕްރިމިއާ ލީގު އޭޕްރީލް 10 ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ވަނީ އޮކްޓޯބަރު 20 ވަނަ ދުވަހަށް ބަދަލުކޮށްފައެވެ.
ވަޒީރު ވަނީ އެފްއޭއެމްއިން ފުޓްބޯޅަ ސީޒަން ރާވާފައިވާ ގޮތާއި، ގައުމީ ޓީމުގެ މެޗުތަކާއި ސާފް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކަށް ސީޒަން މެދުކަނޑާލަން ޖެހޭ ތާރީހުތައް ހަމަޖައްސާނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް ކުލަބުތަކާއި، އެފްއޭއެމްއާއި އެކު މަޝްވަރާކުރެވުނެވެ.
އަދި ސީޒަން ފެށުމަށް ހުރި ދަތިތަކާއި، ޕްރެކްޓިސްތައް ކުރިޔަށް ގެންދިއުމަށް ހުރި ދަތިތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މިއަހަރުގެ އެފްއޭކަޕް ފެށުމަށް ހަމަޖެހިފައިވަނީ 12 ޖުލައި ގައެވެ. އަދި ދެވަނަ ޑިވިޝަން ފަށަން ނިންމާފައިވަނީ 18 ޖުލައިގައެވެ.
މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން ގައުމީ ޓީމުން އޭޝިއަންކަޕް ކޮލިފައިންގައި ފިލިޕީންސްއާއި ދެކޮޅަށް މާޗް 25 ގައި މެޗެއް ކުޅޭނެއެވެ. އެ މެޗުގެ ކުރިން މާޗް 19 ގައި އިންޑިއާ އާއި އެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.
އެފްއޭއެމްގެ އިންތިހާބު ނުބޭއްވި ގިނަ ދުވަސްތަކެއްވެފައިވާއިރު މިހާރު އޮތް ނޯމަލައިޒޭޝަންގެ ކޮމިޓީގެ ދައުރު 31 ޖުލައިއަށް ހަމަވާނެއެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާނަމަކަށް ކުރިން ހުންނެވި އަޙްމަދު ޒުހޫރު ވަކިކުރުމަށްފަހު މިހާރު ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒުއެވެ. މުއިއްޒުގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީގައި ތިއްބެވި ދެ މެންބަރުންނަކީ ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ޤާނޫނީ ވަކީލު އިސްމާއިލް ސިމަންއެވެ.