ސްވިމިން އެސޯސިއޭޝަނުން އަލަށް ތަރައްގީކުރަމުންދާ ސްވިމިން ޕޫލްގެ މަސައްކަތް ނިމި، މި އަހަރު ނިމުމުގެ ކުރިން ބޭނުންކުރެވޭ ވަރުވާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވުމުން އިސްމާއިލް ވިދާޅުވީ މި އަހަރު ކަލަންޑަރު އެކުލުވާލުމުގައި އާ ސްވިމިންގް ޕޫލް ބޭނުންކުރެވޭނެ ގޮތްތަކަށް ބެއްލެވިކަމަށް އިސްމާއިލް ވިދާޅުވިއެވެ. މި އަހަރު މުބާރާތްތަކަށް ބަލާއިރު ގައުމީ މުބާރާތް އެއް މުބާރާތެއް ގޮތުގައި ދެބަޔަކަށް ބަހާލައިގެން ގެންދަން ރާވާފަވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މިއަހަރު ސްކޫލުތަކަށް ހާއްސަކޮއްގެން ބޭއްވުމަށް ހަމެޖިހަފަވާ އިންޓަރ ސުކޫލު ފެތުމުގެ މުބާރާތް މާލޭގައި ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ ދެ ސަރަހައްދެއްގަ ބާއްވަން ތާވަލުކޮއްފަވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އިންޓަރ ސުކޫލު މުބާރާތް މިއަހަރު އޮންނާނީ އައްޑޫ ޒޯންއަށް އަމާޒުކޮށްގެން އައްޑޫ ސިޓީގަ އާއި ތިލަދުންމައްޗަށް އަމާޒުކޮއްގެން ކުޅުދުއްފުށީގައެވެ. މި ދެސަރަހައްދުގައި ވަކިން މުބާރާތް ބޭއްވި ނަމަވެސް މާލޭ ޒޯންގައި ހިމެނޭ ސްކޫލުތަކަށް އަމާޒުކޮށްގެން މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލުކޮއްފައެވެ.
މި އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވަން ހަމަޖެހިފަވާ ފެތުމުގެ މުބާރާތްތަކަށް ވެސް އެސޯސިއޭޝަނުން އެހީތެރިކަން ފޯރުކޮއްދެއްވާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ސަރުކާރާއި ގުޅިގެން މިއަހަރު ތެރޭގައި މުޅުން އަލައް ހަތަރު ރަށެއްގަ ސްވިމިންގް ޕްލެޓްފޯމުތަކެއް ތަރައްގީކުރެވިގެންދާނެ ކަމަށާއި އެކަމުގެ މަސައްކަތް މިހާރު ކުޅިވަރު ވުޒާރާއާއި ގުޅިގެން ކުރިއަށްދާކަމަށެވެ.
"އެގޮތުން ހދ.މަކުނުދޫގައި މިހާރު އިންސްޓޯލް ކުރެވި، ބޭނުން ކުރަންފެށިފަވަނީ، ދެން މިހާރު ކުރިއަށް ދަނީ ގއ.ވިލިނގިލީގައި އިންސްޓޯލް ކުރުމުގެ މަސައްކަތް، ވިލިނގިލީ ނިމުމާއެކު އައްޑޫ ސިޓީ ހިތަދޫގައި ސްވިމިންގް ޕްލެޓްފޯމް އަޅުގަނޑުމެން އިންސްޓޯލް ކުރާނަން." އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ރަމަޝާންމަހަށް ފަހު ކުޅުދުއްފުށީގައި ސްވިމިންގް އާ ޕްލެޓްފޯމެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މިހާރު ކުޅުދުއްފުށީގަ މޫދަށް އެރިއުޅުމަށް ވަކި ސަރަހައްދެއް ތައްޔާރުކުރަމުންދާ ކަމަށާއި ވިސްނުމަކީ މަސައްކަތް ނިމިމުން ސިޓީ ކައުންސިލާ މަޝްވަރާކޮއްގެން ސްވިމިންގް ޕްލެޓްފޯމްގެ މަސައްކަތް ފެއްޓުންކަމަށެވެ.
މިއަހަރު ހަރަކާތްތައް އެކުލަވާލުމުގެ މިދިޔައަހަރަށް ވުރެން ތަފާތު ގޮތަކަށް ރާވަން އިސްކަން ދީފަވާނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.