އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓްވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއަދު ހެނދުނު 7:50 ކަންހާއިރު އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓްވި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އެ ސަރަހައްދުގައި ހުރި 6 ސައިކަލާއި ކާރަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.
ޕީއެސްއެމްގެ ނޫސްވެރިން އެ ތަނަށް ގޮސް ބެލި ބެލުމުން އެ ތަނުގައި ހުރި ސައިކަލުތަކަށާއި އެކްސިޑެންޓްވެފައިވާ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެ ގޮތުން ކާރުގެ ކުރީ ސީޓުގައި ޕަސެންޖަރު އިންނަ ފަޅީގެ ލޯގަނޑު އެއްކޮށް ވަނީ ތަޅައިގެން ގޮސްފައިވާއިރު، ކާރުގެ ކުރީ ބަފަރު ވަނީ ނެއްޓިފައެވެ. އަދި ކައިރީގައި ހުރި ބައެއް ސައިކަލުގެ އެކި ބައިބައި ނެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.