ޚަބަރު

އެއްބަސްވުމާ ޚިލާފުވެ ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުން ޔަހޫދީން ފަސްކޮށްފި


ފަަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން މިނިވަން ކުރަން ޖެހޭ ފަލަސްޠީނުގެ 620 ރައްޔިތުން މިނިވަން ކުރުން ޔަހޫދީން ފަސްކޮށްފިއެވެ. ޣައްޒާ ޢުދުވާން މެދުކަނޑައިލައި، އަސީރުން ބަދަލު ކުރުމަށް އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން ފެބުރުވަރީ 22ވަނަ ދުވަހު ފަލަސްޠީނުގެ 620 މީހުން މިނިވަން ކުރަން ޖެހޭނެއެވެ. އެއީ، ޒަޔަނިސްޓު އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ބަޔެކެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ އެއްގޮތަށް ޙަމާސުން ފެބުރުވަރީ 22ވަނަ ދުވަހު ވަނީ ހަ އަސީރުން މިނިވަން ކޮށްފައެވެ. އެއީ، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ޙަމާސުން މިނިވަން ކުރާނެ ކަމަށް ބުނެފައިވާ ދިރިތިބި އަސީރުންގެ ތެރެއިން އެންމެ ފަހު ގުރޫޕެވެ. އަސީރުންގެ ތެރެއިން ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ޙަމާސުން ދަނީ ޔަހޫދީންނާ ޙަވާލު ކުރަމުންނެވެ. މި ގޮތުން، މި ފެށުނު ހަފުތާގައި ވެސް އެ ޖަމާޢަތުން އިތުުރު ހަތަރު އަސީރެއްގެ ހަަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރުމަށް އޮތީ ހަމަޖެހިފައެވެ.

ހޮނިހިރު ދުވަހު ޙަމާސުން މިނިވަން ކޮށްފައިވާ ހަ އަސީރުންގެ ބަދަލުގައި ފަލަސްޠީނުގެ 620 މީހުުން މިނިވަން ކުރަން ޖެހޭއިރު، ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ، އެ މީހުން މިިނިވަން ކުރުން ފަސްކޮށްފައިވާ ކަމުގައެވެ. އަދި، އެ މީހުން މިނިވަން ކުރެވޭނީ، ޔަހޫދީންގެ އައު ޝަރުޠުތަކަށް ޙަމާސުން އެއްބަސްވުމުން ކަމުގައެވެ. ނަމަވެސް، މިއީ ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ނިންމާފައިވާ ނިންމުމެކެވެ.

ހޮނިހިރު ދުވަހު ހަ އަސީރުން މިނިވަން ކުރުމަށް ފަހު ޙަމާސުން ވަނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އިތުރު ދެ އަސީރުން ފެންނަ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ. ޔަހޫދީންގެ ޖަލުތަކުގައި ތިބި 620 މީހުން މިނިވަން ކުރުން ފަސް ކޮށްފައިވާ ކަމުގައި އަނިޔާވެރި ނަތަންޔާހޫގެ އޮފީހުން ހާމަ ކުރުމުން ޙަމާސުން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމާޢަތުގެ ތަރުޖަމާނު ޢަބްދުއްލަޠީފް އަލް-ޤަނޫޢީ ވިދާޅުވީ ޔަހޫދީން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައެވެ.

ޙަމާސުން މިނިވަން ކޮށްފައިވާ އަސީރުންގެ ތެރޭގައި، މީގެ ދަހަރެއްހާ ދުވަސް ކުރިން ނުޤަވާޢިދުން ޣައްޒާއަށް އެތެރެވެފައިވާ ދެ ޔަހޫދީން ވެސް ހިމެނެއެވެ. އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އަދިވެސް އިތުރު 63 އަސީރުން ތިބި ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މަރުވެފައިވާ ކަމުގައި ޙަމާސުން ވަނީ ބުނެފައެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޤަތުލުޢާންމު މެެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އަސީރުން ބަދަލު ކުރަމުން ދަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.