ޚަބަރު

ދ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު

  • 50 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މިއިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި ހިމަނައިގެން ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރުގެ ބިންގާވަނީ އަޅާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ.

ދ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ. 50 އެނދުގެ މިހޮސްޕިޓަލްގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތް ގާއިމްކުރަނީ މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރަކާއި، ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމަނައިގެންނެވެ. އަދި ހޮސްޕިޓަލްގެ ސްޓާފުންނަށް ތަމްރީން ދިނުމަށް ބޭނުންވާނެ ފެސިލިޓީއެއްގެ އިތުރުން އެހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީވެސް ޤާއިމްކުރެވޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދ.އަތޮޅު ހޮސްޕިޓަލް ހުންނަ ކުޑަހުވަދޫއަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވާތީ، އިމަރޖެންސީ ހާލަތްތަކުގައި ކޭޓަރކުރެވޭނެ އިމަރޖެންސީ އީއާރެއްވެސް ޤާއިމްކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިހޮސްޕިޓަލަކީ ކޯވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމަނައިގެން ހެދޭ ހޮސްޕިޓަލެއް ކަަމަށާއި އަދި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަންއާއި މެޑިކަލް އެއަރ އަދި ސަކްޝަން އަޅާފައިވާނެ ކަމަށްވެސް އެވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ ހޮސްޕިޓަލުގައި ބޭނުން ކުރާ ހަކަތައަށް ކުރާ ޚަރަދު ކުޑަކުރުމުގެ ގޮތުން މިމަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއްގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެއެވެ. މީގެ އިތުރުން ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓްވެސް ޤާއިމްކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދ.އަތޮޅު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއަކީ 181 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި އައު ހޮސްޕިޓަލް ޢިމާރާތް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތައް ލިބޭނެކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.