ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ނިރުބަވެރި ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ޝަހީދުކޮށްލިތާ ފަސް މަސް ދުވަސް ފަހުން އޭނާގެ ޖަނާޒާ ބާއްވައިފިއެވެ. އޭނާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ނަޞްރުالله ޝަހީދު ކޮށްލަން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ހުންނަ އެ ޖަމާޢަތުގެ މައި މަރުކަޒަށެވެ. އެ މަރުކަޒު ހުންނަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކެއްގެ ތެރޭގައެވެ. އެ ޙަމަލާގައި ނަސްރުﷲގެ އިތުރުން ޙިޒްބުﷲގެ ކޮމާންޑަރެއް ކަމަށްވާ އަލީ ކަރްކީ އާއި އިތުރު ބަޔަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޙިޒްބުﷲގެ ކޮންމާޑަރުންގެ ތެރެއިން ގިނަ ބަޔަކު ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.
ނަސްރުاللهގެ ޖަނާޒާ ބައްވާފައި ވަނީ ޙިޒްބުاللهގެ ބާރުގެ ދަށުގައި އޮންނަ ބައިރޫތުގެ ދެކުނުގެ ސަރަޙައްދެއްގައި ހުންނަ ސްޓޭޑިއަމެއްގައެވެ. 55,000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގެ ގޮނޑިތައް ވަނީ ޖަނާޒާ ފެށުމުގެ އެތައް އިރެއް ކުރިން އެއްކޮށްހެން ފުރާލައިފައެވެ. ޖަނާޒާގެ ގިނަ ބައިވެރިން ތިބީ ނަސްރުاللهގެ ފޮޓޮއާއި ޙިޒްބުاللهގެ ދިދަތައް ހިފައިގެންނެެވެ.
އީރާނުގެ ޚަރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާއި ޢިރާޤުގެ ޝީޢީ ސިޔާސީ ވެރިންނާއި އަސްކަރީ ކޮމާންޑަރުންގެ އިތުރުން ޔަމަނުގެ ހޫޘީންގެ މަންދޫބުން ވެސް ވަނީ ޖަނާޒާގައި ބައިވެރިވެފައެވެ. 65 ޤައުމަކުން ގާތްގަނޑަކަށް 800އެއްހާ މަންދޫބުން ވެސް ޖަނާޒާގައި ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ޢާންމުންގެ އެތައް ހާސް ބަޔަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްޓިވިސްޓުން ވެސް ޖަނާޒާގައި ބައިވެރިވެފައިވެއެވެ.
އެތައް ހާސް ބައެއްގެ ބައިވެރިވުމާއެކު ބޮޑު މައިދާނެއްގައި ނަސްރުاللهގެ ޖަނާޒާ ބޭއްވުމުގެ މަގުސަދަކީ މިދިޔަ އަހަރު ޙިޒްބުاللهއާއި ޔަހޫދީންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބަލިކަށިވެފައިވާ ޙިޒްބުاللهން ހިތްވަރު ދެއްކުމެވެ. ނަސްރުالله ޝަހީދު ކޮށްލުމަށް ފަހު އެ ޖަމާޢަތުގެ މަދަދުގާރެއް ކަމަށްވާ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން ޙިޒްބުاللهގެ ބަލިކަށިކަން ވަނީ އިތުރުވެފައެވެ.
ނަސްރުاللهގެ ޖަނާޒާއާ އެކުއެކީގައި ނަސްރުالله ޝަހީދުވުމަށް ފަހު ހަފްތާއެއްހާ ދުވަހު ޙިޒްބުالله ހިންގެވި ހާޝިމް ޞަފީއްދީންގެ ޖަނާޒާ ވެސް ވަނީ ބާއްވާފައެވެ. ނަސްރުاللهއަށް ފަހު ޙިޒްބުاللهގެ ހިންގުމާ ޙަވާލުވެވަޑައިގަންނަވާނީ ޞަފީއްދީން ކަމަށް ރަސްމީކޮށް އިޢުލާނު ނުކުރެވެނީސް ޔަހޫދީން ދިން ޙަމަލާއެއްގައި އޭނާ ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.
ނަސްރުاللهގެ މަރަށް ފަހު އޭނާ ފުރަތަމަ ފަސްދާނު ލާފައި ވަނީ 1997ވަނަ އަހަރުގެ ތެރޭގައި ޙިޒްބުاللهއަށް ހަނގުރާމަ ކުރަމުން ދަނިކޮށް ޝަހީދުވި އޭނާގެ ފިރިހެން ދަރިކަލުން, ހާދީގެ ހަށިގަނޑު ކައިރީގައެވެ. އޭނާ ދެން ފަސްދާނު ލާނީ ބައިރޫތުގެ ވައިގެ ބަނދަރު އޮންނަ މަގު ކައިރީ އޮންނަ ބިމެއްގައެވެ. ޞަފީއްދީން ފަސްދާނުލާނީ އޭނާގެ އުފަން ރަށް ކަމުގައިވާ ދީރު ޤާނޫނުއް ނަހްރުގައެވެ.
ނަސްރުاللهގެ ރަސްމީ ޖަނާޒާ ލަސް ކުރީ ދެކުނު ލުބުނާނުގައި ޙަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖު އެ ސަރަޙައްދުން ފޭބުމަށް ވަގުތު ދިނުމަށެވެ. އެއީ އެމެރިކާގެ އެހީތެރިކަމާއެކު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޤާއިމް ކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެެވެ. ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ގާތްގަނޑަކަށް އެއްކޮށްހެން ފޭބި ނަމަވެސް އަދިވެސް ޔަހޫދީ ފައުޖު ފަސް ސަރަޙައްދެއްގައި ޤާއިމްވެ އެބަ ތިއްބެވެ. ޔަހޫދީ ފައުޖުން ޙިޒްބުاللهއަށް އަމާޒު ކޮށް އަދިވެސް ޙަމަލާތައް ދެއެވެ. ޖަނާޒާއަށް މީހުން އެއްވަމުން ދިޔަ ވަގުތު ވެސް ލުބުނާނާއި ޔަހޫދީ ދައުލަތާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޔަހޫދީން ޙަމަލާތަކެއް ދީފައިވާ ކަމަށް ލުބުނާނުގެ ދައުލަތުގެ މީޑިޔާއިން ވަނީ ބުނެފައެވެ.