ޚަބަރު

ބަރުހަތިޔާރާ އެކު ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހުޅަނގު އައްސޭރިއަށް ވަދެގެންފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ޤަތުލުޢާންމު ފުޅާކޮށް، އިސްތިޢުމާރީ ފައުޖުގެ ޓޭންކްތައް 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ސަރަަޙައްދަށް ފޮނުވައިފިއެވެ.

ޔަހޫދީ ނިރުބަވެރި ދަޢުލަތުން ވަނީ، ހުޅަނގު އައްސޭރީގައި ގިނަ ދުވަސްތަކަކަށް ތިބެން ތައްޔާރުވުމަށް، އެ މީހުންގެ އިސްތިޢުމާރީ ފައުޖަށް އަންގައިފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ޢުދުވާން ހިންގަން ފަށާފައި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލިތާ ދެ ދުވަސް ފަހުންނެވެ. ހުޅަނގު އައްސޭރީގެ ޢުދުވާނުގައި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެތަކެއް ހާސް ބަޔަކު ދިރިއުޅޭ ރެފިއުޖީ ކޭމްޕުތަކަށެވެ.

ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުގައި ދިރިއުޅޭ 40,000ށްވުރެ ގިނަ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، އެތަންތަން "ހުސްކޮށް"ފައިވާ ކަމަށް ޔަހޫދީން ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ބުނެފައެވެ.

ޖަނަވަރީ 21ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމު ފުޅާ ކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ، ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ރަށްބޭރު ސަރަޙައްދެއްގައި އޮތް ބަސްތަކެއްގައި ބޮންތަކެއް ގޮއްވައިލައިގެން ދިން ޙަމަލާއަކާ ގުޅިގެންނެވެ. އެ ޙަމަލާތަކުގެ އެއްވެސް މީހަކަށް މާބޮޑު ގެއްލުމެއް ވެފައެއްނުވެއެވެ.

އޭގެ ރައްދުގައި، ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުގެ އަސްކަރީ ޓޭންކަރުތައް، ހުޅަނގު އައްސޭރިއަށް ވަދެ، ޖިނީން އާ ދިމާއަށް ދަތުރުކުރަމުންދާ ކަމަށް ބައެއް މީޑިޔާ ރިޕޯޓުތައް ބުންޏެވެ.

އިޒްރޭލުގެ އިސްތިޢުމާރީ ފައުޖުން ވަނީ، ހުޅަނގު އައްސޭރީގެ ގިނަ އަދަދެއްގެ ގެތަކާއި، އާންމު ޚިދުމަތްދޭ ތަންތަން ސުންނާފަތިކޮށް، މަގުތައް ކޮނެ، ގިނަ ސަރަޙައްދުތަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާލައިފައެވެ.