ޚަބަރު

މާއެނބޫދޫގައި އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވައިފި


  • މާއެނބޫދޫގައި ބަހައްޓާފައިވަނީ ސެލްފް ސާވިސް އޭޓީއެމްއެއް

  • މި އެޓީއެމްގައި ފުރަތަމަ ބޭނުން ކުރެއްވި ކާޑު މާއެނބޫދޫ ކައުންސިލާއި ވަނީ ހަވާލުކޮށްފައި

ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
އެރަށުގައި ޤާއިމްކޮށްފައިވަނީ ސެލްޕް ސާވިސް އޭޓީއެމްއެކެވެ.

ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތަކެވެ. މި ސިޔާސަތުގެ ދަށުން މާއެނބޫދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް، އެމަނިކުފާނު ހުޅުއްވައި ދެއްވީ އެމަނިކުފާނު މިހާރު ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެންނެވެ.

މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމްގެ ޚިދުމަތް ބޭނުން ކުރައްވާ ފައިސާ ނަންގަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މާއެނބޫދޫގެ އޭޓީއެމް ހުޅުއްވައިދެއްވައި ބޭނުން ކުރެއްވި ކާޑު ވަނީ މާއެނބޫދޫ ކައުންސިލާއި ހަވާލުކުރައްވާފައެވެ. އެގޮތުން މިކާޑާއި މާއެނބޫދޫ ކައުންސިލުގެ ފަރާތުން ހަވާލުވެވަވަޑައިގެންނެވީ އެ ރަށު ކައުންސިލް ރައީސް ޔޫސުފް ސަޢީދެވެ.

މާއެނބޫދޫގެ އޭޓީއެމް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ މި އޭޓީއެމްއާއިއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފަސޭހަކަމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް އެ ރަށުން ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށެވެ. އަދި ކުޑަހުވަދޫގައި ހުޅުވާފައިވާ ބީއެމްއެލް ބްރާންޗުގެ މުވައްޒަފުން މާއެނބޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ވިދާޅުވިއެވެ.

"މިއީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހި ރައްޔިތުންނަށް ބޭންކިން ޚިދުމަތް ގާތުން ފަސޭހައިން ލުއިކޮށް ދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. މިމަސައްކަތް ކުރިއަށް ގެންދަން މާއެނބޫދޫ ކައުންސިލާއި އިޤްތިޞާދީ ވުޒާރާއާއި އަދި އިދާރީ ދައިރާތައް ހިންގުމަށް ބޭހޭ ވުޒާރައިން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަންވަން " ޝަރީފް ވިދާޅުވިއެވެ.

މާއެނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބެހެއްޓިފައިވާއިރު، ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.