މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ގައްދޫ ރެކްރިއޭޝަން ކުލަބާއި ދިއްދޫ ސްޕޯޓްސް ކުލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދީފިއެވެ.
އެފްއޭއެމް އިން ގައްދޫ އަށާއި، ދިއްދޫ އަށް މެމްބަރުކަން ދިނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ. މި ދެ ކުލަބަށް އެފްއޭއެމްގެ މެމްބަރުކަން ލިބުނީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ އިއްތިފާގުންނެވެ.
މެމްބަރު ކުލަބެއްގެ ހައިސިއްޔަތުން ދިއްދޫ އަދި ގައްދޫއަށް، އެފްއޭއެމްގެ ހިންގުމުގެ ކަންކަމުގައި ބަސްބުނެ، ވޯޓު ލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އެފްއޭއެމް އިން ދިވެހި ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު އަތޮޅުތެރޭގެ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިން ފަހުން، އެ ފޯމެޓުގެ ދަށުން އެފްއޭއެމްގެ މެމްބަރުކަން ލިބިގެންދިޔ ފުރަތަމަ ދެކުލަބެވެ.
މި ކޮންގްރެސްގައި ދެ ކުލަބަކަށް މެމްބަރުކަން ދިނުމުގެ އިތުރުން، އެފްއޭއެމްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކޮށްފައިވެއެވެ. އެފްއޭއެމް އިން މިދިޔަ ޖުލައި މަހު ބޭއްވި ކޮންގްރެސްގައި ވަނީ، ތިން މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެމްބަރުން ހޮވުމަށް ނިންމާފައެވެ.
ވަޅުޖެހެމުންދިޔަ ދިވެހި ފުޓުބޯޅަ އަލުން ކޮޅަށްޖަހައި، މި ކުޅިވަރު އޭގެ އަސްލު މަގާމަށް ވާސިލްކުރުމަށްޓަކައި އެފްއޭއެމްގެ އައު ޒައާމަތުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ދަށުން އެތެރޭގެ ހިންގުން ދެފުށްފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދެވޭނެ މަގު އެ އެސޯސިއޭޝަނުން ވަނީ ފަހިކޮށްފައެވެ.
މީގެއިތުރުން، ދިވެހި ފުޓުބޯޅައިގައި އަތޮޅުތެރޭގެ ޓީމުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ވެސް އެ އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ. އެގޮތުން ނިންމި އެއް ނިންމުމަކީ، އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަންތަކެއް ހަތަރު އަތޮޅެއްގައި ގާއިމްކުރުމަށް ނިންމުމެވެ.