ޚަބަރު

މާލެ ސަރަހައްދުގައި މިހާތަނަށް 15000 ގޭބީސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދީފި


  • ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސަމާލުކަންދީގެން ކަންކަން ކުރިޔަށްގެންދާނެ

  • ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައި

މާލެ ސަރަހައްދުން މިހާތަނަށް ޖުމުލަ 15000 ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށެވެ. އަދި ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިޔަށްގެންދާނެކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 15000 ގޭބީސީއަށް މަސްދަޅު ކޭސް ފޯރުކޮށްދީފައިވާކަމަށް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ ގޮތަށް އެކަން ތަންފީޒުކުރުމަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އޭރޭ މަސްދަޅު ކޭސް މާލޭގައި ބެހީ ދެ ސެންޓަރުގައެވެ. އެއީ މިފްކޯ ކޮމްޕްލެކްސްއާއި އެމްޓީސީސީ ސޯމިލުންނެވެ. އަދި ވިލިމާލެއާއި ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައިވެސް އެއް ސެންޓަރުން ބަހަމުން ދިއުމުން، އެތައް ބަޔަކު ނިކުމެ އެ ސެންޓަރުތައް ކައިރީގައި ކިއުގައި ޖެހުނެވެ. އަދި ވަރަށް ގިނައިރު ކިއުގައި ތިބެންޖެހުމުން އެތައްބައެއްގެ ކަންބޮޑުވުން އޮތެވެ. ނަމަވެސް ސަރުކާރުން މިހާރު މިވަނީ މަސްދަޅު ބެހުމުގައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޓޯކަން ދޫކޮށްގެން މަސްދަޅު ދޫކުރާ ނިޒާމެއް ޤާއިމްކޮށްފައެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ބެހުމުގެ ކަންކަން ކުރިއަށްދާނީ ރޭގަނޑު 08:00 އިން 12:00 އަށެވެ. ސަރުކާރުން ދެއްވާ ޔަޤީންކަމަކީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް، ހުރިހާ ގޭބިސީއަކަށް ލިބެންދެން ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމެވެ.

މަސްދަޅު ކޭސް ބަލާ ދާއިރު އެފަރާތެއްގެ އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލު ގެންދިއުމަށް ވަނީ އެދިފައެވެ. އަދި އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ، (3 ކަރަންޓު މީޓަރަށް) 3 މަސްދަޅު ކޭހެވެ.