ޚަބަރު

ބަނޑިދޫގައި އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވައިފި


  • ބަނޑިދޫގައި ބަހައްޓާފައިވަނީ ސެލްފް ސާވިސް އޭޓީއެމްއެއް

  • މި އެޓީއެމްގައި ފުރަތަމަ ބޭނުން ކުރެއްވި ކާޑު ބަނޑިދޫ ކައުންސިލާއި ވަނީ ހަވާލުކޮށްފައި

ދ. ބަނޑިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައި ދެއްވައިފިއެވެ. އެމަނިކުފާނު މި އޭޓީއެމް ހުޅުއްވައި ދެއްވީ ނިލަންދެ އަތޮޅު ދެކުނުބޫރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބަނޑިދޫއަށް ވަޑައިގެންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ނިނެމެވުމާ އެއްގޮތަށް ބަނޑިދޫގައި އޭޓީއެމް ޚިދުމަތް މިވަނީ ޤާއިމްކޮށްފައެވެ. މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އޭޓީއެމް ޚިދުމަތް ފެއްޓެވުމަށް ބޭނުން ކުރެއްވި ކާޑު އެރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ބަނޑިދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، މުޙައްމަދު މޫސާއެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވެވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މި އޭޓީއެމް ޚިދުމަތާއި އެކު ބޭންކިން ޚިދުމަތްތައް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާ ކަމަށެވެ.

" މިއަދު ހަމައެކަނި ހުޅުވިގެންދަނީ އޭޓީއެމްއެން ނޫން. ބޭންކިން ސާވިސް ރައްޔިތުންނަށް ލިބޭގޮތް ވެގެން މިދަނީ. ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް ފަހިވެގެން މިދިޔައީ. " ބީއެމްއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިިއެވެ.

ބަނޑިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައެވެ. އެގޮތުން ދ. އަތޮޅުގެ މާއެނބޫދޫގައި މިއަދު އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.