ކެޕޭސިޓީ އިތުރުކޮށް، މާލެ ސަރަހައްދުގައި ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަކީ އަމާޒެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހު އިތުރުވާ ކަރަންޓް ކެޕޭސިޓީއާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އިތުރު ޖަނަރޭޓަރތަކެއް ހުޅުމާލޭގައި އިންސްޓޯލްކުރުމުގެ މަސައްކަތް ބައްލަވައިލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ރަމަޟާން މަހަކީ އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓުގެ ޑިމާންޑު ބޮޑުވާ މަހެއް ކަމަށާއި، މިމަހަށް ސްޓެލްކޯއިން ކޮންމެ އަހަރަކުވެސް ގިނަ ތައްޔާރީތަކެއް ވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތްކުރެވިފައި ނުވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާއިރު، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވަމުންދާ ކަމަށެވެ. މިއާއެކު ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއަށް ގޮންޖެހުންތައް ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އަމީން ވިދާޅުވީ ސަރުކާރުން މި ނިންމެވި ނިންމެވުމާއި ރައީސް މިކަމަށް ދެއްވާ އިސްކަމާއި އެކު، ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެކަމަށް ސްޓެލްކޯގެ އިން ޔަގީންކަން ދީފައިވާކަަމަށެވެ. މިގެންނަ ބަދަލުތަކާއި އެކު ސަރުކާރުގެ އަމާޒަކީ ކެޕޭސިޓީ އިތުރުކޮށް، މާލެ ސަރަހައްދުގައި ކަރަންޓުގެ ޔަޤީންކަން އިތުރުކުރުން ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ސަރުކާރުން މި ނިންމެވި ނިންމެވުމާއި ރައީސް މިކަމަށް ދެއްވާ އިސްކަން މި މައްސަލަ ހައްލު ގެންނާނެކަމަށް ސްޓެލްކޯއިން ވަނީ ޔަގީންކަމަށް. ސްޓެލްކޯގެ ބޭފުޅުން ދިން ޔަގީންކަމަކީ ހުރިހާ ޕަވަރ ޖެނެރޭޓަރތައް އިންސްޓޯލް ކުރެވި ޕަވަރ ގްރިޑްއާއި ރަމަޞާން މަހުގެ ކުރިން ގުޅިގެން ދާނެކަން" ވަޒީރު ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ އާއްމުން ކަރަންޓް އިޤްތިސާދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ކުރިއަށްއޮތް ރަމާޟާންމަހުގެ ތެރޭގައި ގޭބީސީތަކުން ވަރަށް ބޮޑަށްވެސް ކަރަންޓް އިޤްތިޞާދުކުރުމަށް އެ ކުންފުނިން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
" އަޅުގަނޑުގެ އިލްތިމާސްއަކީ މިކުރާ މަސައްކަތުގައި ބައިވެރިވެ ކަރަންޓު އިގްތިސޯދު ކުރައްވާށޭ. ކުރިއަށް މޮއޮތީ ރޯދަމަސް މި އަންނަނީވެސް ހޫނު މޫސުމަކާއި ދިމާކޮށް. އަޅުގަނޑުމެން އެދޭ އެދުމެއް އަދި ރައްޔިތުންނަށް ވެސް ފައިދާ ކުރާނެކަމެއް. ކަރަންޓު އިގްތިސޯދު ކުރައްވައިފި ނަމަ ބިލް ކުޑަކޮށްލެވޭނެ" ފަހުމީ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިއަހަރު އެ ކުންފުނިން އަންދާޒާކުރަނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެކަމަށެވެ. އެހެންކަމުން މިއީ 17 މެގަވޮޓްގެ އިތުރުވުމެއްކަން އޭނާ
ފާހަގަކުރެއްވިއެވެ. ސްޓެލްކޯއިން ދަނީ ހުޅުމާލޭގައި 17 މެގަވޮޓްގެ 12 ޖަނަރޭޓަ ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.