ޚަބަރު

ދ. މީދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • އޭޓީއެމް ޚިދުމަތް ފެއްޓެވުމަށް ބޭނުން ކުރެއްވި ކާޑު ކައުންސިލާ ވަނީ ހަވާލުކޮށްފައި

ދ. މީދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިއެވެ.

ދ. މީދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މީދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމުން ފައިސާ ނަންގަވައިދެއްވުމަށްފަހު އެކަމަށްޓަކައި ބޭނުންކުރެއްވި ކާޑު ރަށު ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ. މީދޫ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގަތީ ކައުންސިލުގެ ރައީސް، އިބްރާހިމް ނަޞީމްއެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވެވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އޭޓީއެމް ޚިދުމަތާއެކު ބޭންކިންގެ ގިނަ ޚިދުމަތްތަކެއް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާ ކަމަށެވެ.

" ބޭންކިން ސާވިސް ރައްޔިތުންނަށް ލިބޭގޮތް ވެގެން މިދަނީ. ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް ފަހިވެގެން ދާނެ" ބީއެމްއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިިއެވެ.

މީދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ބަހައްޓާފައިވާއިރު އެޓީއެމްތައް ތަރައްޤީކުރުމަށް ކައުންސިލްތަކާއި ބީއެމްއެލް އަދި އެމްއައިބީއާއެކު އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ. އެގޮތުން ރައީސް ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ މާއެނބޫދޫ އަދި ބަނޑިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ. އަދި ދ.ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބަހައްޓަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.