ޚަބަރު

ބަނޑިދޫ ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާއި ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވައިފި


  • ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިއްސާ ކުރައްވާފައި

  • ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ އާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާއި، ތަރައްޤީއަށް ބޭނުންވާކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ބަނޑިދޫ ސްކޫލުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ބަނޑިދޫ ސިއްޙީ މަރުކަޒުގެ އިސް ބޭފުޅަކު ވަނީ ސިއްޙީ މަރުކަޒަށް އެކްސްޓެންޝަން އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައާއި ރަށުގެ ބިމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ތަރައްޤީއަށް، މަޝްރޫޢުތައް ހިންގުމަށް ރަށާކައިރީގައި އޮތް ކަންނެއްފަރު ރަށުގެ އިޙްތިސާސްގެ ތެރޭގައި ހިމަނުއްވައި ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބޭފުޅުންވަނީ މިސަރުކާރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދެއްވާ އެއްބާރުލުމާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި ކޮމިޓީގެ މެންބަރުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެކަށީގެންވާ ޖާގައެއްނެތްކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ބޭނުންވާކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުން މެދުވެރިކުރައްވައި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ބައެއް މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމުގައި އެބޭފުޅުންގެ ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނޑިދޫ އައިސްޕްލާންޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.