ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އިބްރާހިމް ނާޒިލް ޖަވާބު އަރުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިއްބެވި ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންޖެހެއެވެ.
މިހާރު މަޖިލީހުގައި މެންބަރުން ތިއްބެވި ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާނީ 12 މެންބަރުން ތިބި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. ހާއްސަކޮށް ސަރުކާރުގެ އިޤްތިޞާދީ ސިޔާސަަތަށް ވަނީ ފާޑު ވިދާޅުވެފައެވެ.
މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ފާޑު ވިދާޅުވިނަމަވެސް އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަނީ މި އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނަކީ ޤައުމުގެ ކުރިމަގަށް އުންމީދުން ފުރިގެންވާ އެތައް ވާހަކައެއް އިވިގެންދިޔަ ބަޔާނެއްކަމަށް ވިދާޅުވެފައެވެ. އަދި ޤައުމުގެ ކުރިމަގަށާއި ޤައުމުގެ އިޤުތިޞާދާއި މާލީ ހާލަތު ރަނގަޅުކުރުމަށް މުހިންމު ކަންތައްތަކެއް ތަފްސީލީ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައިވާކަން ސިޔާސީ ލީޑަރުން ފާހަގަކުރައްވާފައިވެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި އެކި ދާއިރާތަކުން މި އަހަރު ކުރުމަށް ނިންމާފައިވާ ވަރަށް ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވިއެވެ. އެ ގޮތުން މި އަހަރު ވެގެންދާނީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ އަހަރަކަށް ކަމަށާއި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މި އަހަރު ފެށިގެންދާނެކަން ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.