ޚަބަރު

އިސްތިޢުފާ ދެއްވުމަށް ޙަސީނާއަށް މަޖުބޫރު ކުރުވި ދަރިވަރުން ސިޔާސީ ޕާޓީއެއް އުފައްދަނީ


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަމުން އިސްތިޢުފާ ދެއްވުމަށް މަޖުބޫރު ކުރުވުމުގައި އެންމެ އިސް ދައުރެއް ޢަދާ ކުރި އެ ޤައުމުގެ ދަރިވަރުންގެ ޖަމްޢިއްޔާއިން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.

މި ދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި ޢަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާތައް ރާވާ އިންތިޒާމް ކުރުމުގައި އެންމެ އިސް ދައުރެއް ޢަދާ ކުރީ ސްޓޫޑެންޓްސް އަގައިންސްޓް ޑިސްކްރިމިނޭޝަން ނުވަަތަ ސެޑް ޖަމްޢިއްޔާއިންނެވެ. މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމުން މުޒާހަރާތައް އިތުރަށް ހޫނުވެ އެންމެ ފަހުން ޙަސީނާ ބޮޑުވަޒީރު ކަމުން އިސްތިޢުފާ ދެއްވުމަށް މަޖުބޫރު ވިއެވެ. އަދި ޤައުމު ދޫކުރައްވާ އަވަށްޓެރި އިންޑިޔާއަށް ވަޑައިގަތެވެ.

ދަރިވަރުންގެ ޖަމްޢިއްޔާއިން މި ހަފުތާގެ ތެރޭގައި އައު ސިޔާސީ ޕާޓީ އުފައްދާނެ ކަމަށް ކަމާގުޅޭ މަޢުލޫމާތު އެނގޭ ދެ މަސްދަރަކުން ވަނީ ބުނެފައެވެ. ޕާޓީގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާނެ ކަމަށް ބެލެވެނީ ދަރިވަރުންގެ މެދުގައި އިސްކޮށް ޙަރަކާތްތެރިވާ އަދި ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ މުޝީރެއް ކަމަށްވާ ނާހިދު އިސްލާމެވެ. އިންތިޤާލީ ސަރުކާރުގައި ދަރިވަރުންގެ މަސްލަހަތަށް ވަކާލާތުކުރުމުގައި މުހިންމު ދައުރެއް ޢަދާ ކުރާ އިސްލާމް ސިޔާސީ ޕާޓީ ހިންގުމަށް ސަރުކާރުގެ މަޤާމުން އިސްތިޢުފާ ދޭނެ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި ޒުވާނުން އިސްވެ އުފައްދާ ސިޔާސީ ޕާޓީއެއްގެ ސަބަބުން ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.