އަބަދުވެސް މަސައްކަތްކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާުޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީދޫގެ ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއް މިއަދު ފެއްޓިގެންދިޔަކަމަށެވެ. އަދި ހުއްޓިފައިވާ މަޝްރޫޢުތައްވެސް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެށިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީދޫގައި ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަލުން ފަށައިގެން ކުރިއަށްދާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ. އެގޮތުން އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ކުރިއަށްދާނީ ރައްޔިތުންނާއި މަސްވެރިން ބޭނުންވާގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ކޮށްދެއްވުމަށްކަމަށެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑު އަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ގެންގޮސްދިނުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 14 މަގެއް ހެދުމުގެ އިތުރުން، ފުރިހަމަ ފެން ހިއްދާ ނިޒާމެއްވެސް ޤާއިމްކޮށްދެއްވާނެކަމަށެވެ. އަދި ރަށުގެ ތަރައްޤީއަށް ރޭވިފައި ހުރި ހުރިހާ މަސައްކަތަށްވެސް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅުގެ ހުރިހާ ރަށެއްގައި ބެންކު އޭޓީއެމް ނުވަތަ ބްރާންޗު ޤާއިމްކުރެވިގެންދާ ފުރަތަމަ އަތޮޅަށް ދ.އަތޮޅު ވެގެންގޮސްފައިވާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދ.އަތޮޅުގެ ހުރިހާ ރަށެއް ފަދައިން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް އަންނަ އަހަރުގެ ނިޔަލަށް ފުއްދަވައިދެއްވައި، ނިންމަވާނެކަމަށެވެ.