ގުޅިފަޅުން ގޯތި ދީފައިވާ ރައްޔިތުންނަށް، ހިއްކާފައިވާ ސަރަހައްދުން ކުރިއަށް އޮތް ދެމަސް ދުވަހުގެތެރޭގައި ގޯތިދީ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަޤީންކަން ދެއްވީ މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ގުޅިފަޅުން ގޯތި ލިބުނު އެތައް ހާސް ރައްޔިތުން ތިބިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ ސަރަހައްދުންވެސް ކުރީ ސަރުކާރުން ގޯތި ދިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން މިހާރު ބަދަލުގެނެސްފައިވާކަމަށެވެ.
"ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށްވެސް މިހާރު ހިކިފައި އޮތް ބިމުން ގޯތި ހަމަޖެހިގެންދާނެ. އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައ ހިއްކާފައި އޮތް ސަރަހައްދުގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިަހމަވެގެންދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާނީ ހޮސްޕިޓަލާއި އެނޫންވެސް ވަސީލަތްތައް ޤާއިމްކުރާގޮތަށްކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސްތެރޭ ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ރަޖިސްޓްރީ ހަވާލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަޖިސްޓްރީ ނުދެވޭނީ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ސަރަހައްދުން ގޯތި ލިބުނު ރައްޔިތުންނަށް އެކަނިކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅީފަޅަކީ ބޯހިޔާވަހިކަމަށް ގޯތި ދޫކޮށްފައިވާ ރަށެކެވެ. އެގޮތުން ގުޅިފަޅުން 7 ސައިޒެއްގެ ޖުމުލަ 3520 ގޯތި ކުރީ ސަރުކާރުން ދޫކުރިއެވެ. ގުޅިފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް އަލުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައިވަނީ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށެވެ. އަދި ސްކޫލުތައް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުން 10 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއްގައެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކާއި މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެކެވެ. މިލޭންޑް ޔޫސް ޕްލޭންގައި މުޅި ގުޅީފަޅުގައި ވެހިކަލް ޕާކުކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވެއެވެ.
ރައީސް ވިދާޅުވީ ގިރާވަރު ފަޅުވެސް ހިއްކުމުގެ މަސައްކަތުގައި ކުރީ ސަރުކާރުން އޮތީ ސަރުކާރަށް ގެއްލުންވާނެ އެއްބަސްވުމެއް އެކުލަވާލާފައިކަމަށެވެ. އެކަން ކަމާބެހޭ އިދާރާއިން ކެންސަލްކޮށް އެ މަސައްކަތާ ސަރުކާރުން ހަވާލުވެ ހިއްކާ ނިންމައި ގޯތި ދޭނެކަމަށެވެ.
އަދި އުތުރު ތިލަފަޅުން ގޯތި ނުވަތަ ހައުސިން މަޝްރޫޢަށް 150 ހެކްޓަރުގެ ބިން މިއަހަރު ހިއްކަންފަށައި އަންނަ އަހަރު ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ މާލެއާއި މާލޭގެ ރައްޔިތުންނަށް ގޯތީގެ މައްސަލ ހައްލުކުރުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.