ޚަބަރު

ޔަހޫދީންގެ ޢުދުވާނު ވަރުގަދަކޮށް، ޖިނީނަށް ބޮޑެތި ގެއްލުންތަކެއް ދީފި


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޢުދުވާން ހިންގަމުންދާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޖިނީން ރެފިއުޖީ ކޭމްޕަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔަހޫދީ ސިފައިން ބަރުހަތިޔާރާއި ބުލްޑޯޒަރު ފަދަ އާލާތްތަކާ އެކު ހުޅަނގު އައްސޭރިއަށް އަރައިގަނެފައި ވަނީ ޖަނަވަރީ 21ވަނަ ދުވަހުއެވެ.

ފަލަސްޠީނުގެ މަޞްދަރުތަކުން ބުނީ، ބުލްޑޯޒަރުތައް ބޭނުން ކޮށްގެން ޖިނީން ރެފިއުޖީ ކޭމްޕުގެ އިމާރާތްތަކާއި މަގުތަކާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމުގައެވެ. އަދި، ޢާންމުންގެ ގެދޮރާއި އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަ ކުރަމުންދާ ކަމުގައެވެ. މިއީ، ޣައްޒާ ޢުދުވާނުގައި ވެެސް ޔަހޫދީން އަމަލު ކޮށްފައިވާ ގޮތެވެ.

ޖިނީނާއި ޠުލްކަރްމުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކުން ސަލާމަތްވުމަށް އެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅުނު 40,000ށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ދަތުރު ކޮށްފައެވެ. ބާކީ ތިބި ރައްޔިތުން ވެސް ދަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންނެވެ. އެ ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން އަރައިގަނެފައި ވަނީ 15 މަހަށް ދެމިގެންދިޔަ ޣައްޒާ ޢުދުވާން މެދުކަނޑައިލިތާ ދެ ދުވަސް ފަހުންނެވެ.

"ޖިނީނުން މި ވަގުތު ފެންނަމުން ދަނީ [ޣައްޒާގެ] ޖަބާލިޔާ ރެފިއުޖީ ކޭމްޕުން ފެނުނު ފަދަ މަންޒަރުތަކެއް. އެއީ [ޖިނީން] މިހާރު އޮތީ މީހުންނަށް ދިރިއުޅެވޭނެ ފަދަ ޙާލަތެއްގައެއް ނޫން،" އެ ކޭމްޕުގެ އިސް އޮފިޝަލެއް ކަމުގައިވާ ބަޝީރު މަޠާޙިން ވިދާޅުވިއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގި ޤަތުލުޢާންމުގައި، ޖަބާލިޔާއަށް އަރައި އެ ރެފިއުޖީ ކޭމްޕަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޖިނީން ކޭމްޕުގައި ހުރި އިމާރާތްތަަކާއި މަގުތަކަށް ގެއްލުން ދިނުމަށް ޔަހޫދީ ފައުޖުން 12 ބުލްޑޯޒަރު ބޭނުން ކުރަމުންދާ ކަމުގައި ވެސް މަޠާޙިން ވިދާޅުވިއެވެ. ޖިނީނަކީ 1984ވަނަ އަހަރު ޔަހޫދީން ހިންގި ޤަތުލުޢާންމު އަދި ނަކްބާގައި އަމިއްލަ ވަޒަނުން ނެރެ، މަގުމަތި ކޮށްލާފައިވާ ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ އެއް ކޭމްޕެވެ. ފަލަސްޠީނުގެ ބިންތަކުން އެ މީހުން ނެރެފައި ވަނީ ޔަހޫދީންގެ ދައުލަތެއް ޤާއިމު ކޮށްދިނުމަށެވެ.

ޔަހޫދީ ސިފައިން ޖިނީނުން ފޭބުމުގެ ވިސްނުމެއް ނެތް ކަމުގައި ވެސް މަޠާޙިން ވިދާޅުވިއެވެ. އަދި، އެ ސަރަޙައްދަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިންނަށް ކަރަންޓާއި ފެނުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. މި ކަން ކަށަވަރު ކޮށްދިނުމަށް ޒަޔަނިސްޓު އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ވަނީ ދެކޮޅު ހަދާފައެވެ.

20 އަހަރަށް ފަހު އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ސިފައިން ޖިނީނަށް

މިއީ، ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޖިނީންގައި ހިންގާ މި ފަދަ އެންމެ ބޮޑު، އަދި ނުރައްކާތެރި ޢުދުވާނެވެ. 20 އަހަރަށް ފަހު، ޔަހޫދީ ފައުޖުން ވަނީ ހުޅަނގު އައްސޭރިއަށް އަސްކަރީ ޓޭންކުފަހަރު ވެސް ފޮނުވާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޔަހޫދީންގެ ޢުދުވާން ފުޅާ ކުރަމުން ދިޔުމާ އެކު، ނޫރް ޝަމްސާއި ޖިނީން ރެފިއުޖީ ކޭމްޕު ދޫކޮށް އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޔަހޫދީން ބުނީ ހުޅަނގު އައްސޭރީގެ އޮޕަރޭޝަނަކީ ފަލަސްޠީނުގެ މިިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނެއް ކަމުގައެވެ. ނަމަވެސް، ހުޅަނގު އައްސޭރީގެ ރައްޔިތުން ބުނީ، ޔަހޫދީންގެ އަމާޒަކީ އެއީ ނޫން ކަން ވަރަށް ސާފު ކަމުގައެވެ. "އިސްރާއީލުން އުޅެނީ ކޭމްޕުތަކުގެ ހަނދާންތައް ފޮހެލަން، އަޚުލާޤީ ގޮތުންނާއި މާލީ ގޮތުން، ރެފިއުޖީންގެ ނަންތައް ފޮހެލަން އަދި އެ ތަނުގައި ދިރިއުޅުނު ރައްޔިތުންގެ ހަނދާންތައް ފޮހެލަން،" ޖިނީންގެ އަހުލުވެރިއެއް ކަމުގައިވާ 85 އަހަރުގެ ޙަސަން އަލް-ކާތިބު ބުންޏެވެ. އޭނާ ވެސް ވަނީ ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ރައްކާތެރި ހިސާބަކަށް ބަދަލުވެފައެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ވެސް ޒަޔަނިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެކުވެރި ދައުލަތްތަކުގެ (އދ)ގެ އިދާރާ (އުންރްވާ)އަށް ޖިނީންގައި ހަރަކާތްތެރިވުން ވަނީ މަނާކޮށްފައެވެ. އަދި، އިރުމަތީ ޤުދުސްގައި ހުރި އުންރްވާގެ އޮފީސް ބަންދު ކުރުމަށް ވެސް ވަނީ އަމުރު ކޮށްފައެވެ.

"އިސްރާއީލުގެ ދައުލަތުގެ އަމާޒަކީ ކޮބައިކަން އަޅުގަނޑުމެންނަށް ސާފެއް ނުވޭ. ނަމަވެސް، އެ [ހުޅަނގު އައްސޭރީގެ] ކޭމްޕުތަކުގައި ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު ތިބިކަން ވަރަށް ސާފު،" އުންރްވާގެ ތަރުޖަމާނު ޖޫލިޔެޓް ތޫމާ ވިދާޅުވިއެވެ. ރެފިއުޖީންނަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ބަޔެއް ކަން ވެސް އޭނާ ހަނދާން ކޮށްދެއްވިއެވެ. ނަމަވެސް، ޔަހޫދީންނަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ތަބާވާ، އިޙުތިރާމު ކުރާ ބައިގަނޑެއް ނޫނެވެ.