ކުޅިވަރު

ކެރަމް އެސޯސިއޭޝަން ކަޕް: ވަރުގަދަ މެޗުތަކާއެކު ޖޫނިއަރ ބައިގެ ކުޅުން ނިމިއްޖެ


މިހާރު ކުރިއަށްދާ 12 ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ޖޫނިއަރ ކެޓެގަރީގެ ފައިނަލް މެޗުތައް ފޯރިގަދަ ކުރިމަތިލުންތަކަށްފަހު ނިމިއްޖެއެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި އަހުމަދު މައިޝާން ބައްދަލުކުރީ މީކާއީލް ބިން މަދަދުﷲ އާއެވެ. މި މެޗުގެ ސެޓުތައް ދިޔައީ 17-19، 16-18 އިން މައިޝާން ޗެމްޕިއަންކަން ހޯދައިގެންނެވެ. އަދި މި އުމުރުފުރައިގެ ތިންވަނަ އަހުމަދު ނައިޝަމް ނާސިހު ހޯދީ 25-09 އިން އަބްދުﷲ ކިޔާން ބިން ޝާޒް ބަލިކޮށްގެންނެވެ.

މި އުމުރުފުރާގެ އަންހެން ބައިގައި އައިޝަތު އަލީޝާ ވަނީ ފަސޭހަކަމާއެކު، 13-20، 19-07 އަދި 15-20 އިން ޒިއުނާ ބިންތި ނަޝީދު އަތުން މޮޅުވެ މިބައިގެ ޗެމްޕިއަންކަން ހޯދާފައެވެ. މި ޑިވިޝަނުގެ ތިންވަނަ އައިޝަތު ރީމް ހޯދީ 05-24 އިން ޒުލައިހާ ލީން ހުސެއިން ބަލިކޮށްގެންނެވެ.

އަދި 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޒިއުނާ ބިންތި ނަޝީދު ހޯދީ 24-08 އިން އައިޝަތު އަލީޝާ ނާފިއު ބަލިކޮށްގެންނެވެ. އަދި މި އުމުރުފުރާގެ ތިންވަނަ ހޮވި މެޗުގައި އައިޝަތު ރީމް ވަނީ 25-04 އިން ސޯފިޔާ ސުނާން ޝާކިރުގެ މައްޗަށް ފަސޭހަކަމާއެކު މޮޅު ހޯދާފައެވެ.

މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން އަހުމަދު ޝަމާލް ސައުދުﷲ ހޯދީ 20-14 އިން އަޒްލާން އައުޒަލް ބަލިކޮށްގެންނެވެ. އަދި މި ކެޓަގަރީގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި އަބްދުލް މާލިކް ހަސަން އަބްދުލް ލަތީފް ވަނީ 25-08 އިން އާކިފް އިބްނު އިކްލީލް އައްބާސް ބަލިކޮށް ތިންވަނަ ޔަގީންކޮށްފައެވެ.

މުބާރާތުގައި ދެން ކުރިއަށްދިޔައީ ޖޫނިއާ ކެޓަގަރީގެ ޑަބަލްސް މެޗުތަކެވެ. ޖޫނިއާ ބައިގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ އަހްކަމް އާދަމް އާއި މުހައްމަދު މައިޝާންގެ ޕެއާއެވެ. މި ދެ ކުޅުންތެރިންނާއި ފައިނަލުގައި ވާދަކުރީ މީކާއީލް ބިން މަދަދުﷲ އާއި މުހަންމަދު ޒީހާންގެ ޕެއާއެވެ. މި ބައިގެ ޑަބަލްސް ތިންވަނަ ހޯދީ މުހައްމަދު ނައިޝަމްއާއި މީކާލް މުބާހުގެ ޕެއާއެވެ.

ޖޫނިއާ އަންހެން ޑަބަލްސްގެ މެޗުތަކަށް ބަލާއިރު މިބައިން ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީޝާ ނާފިޢު އާއި އައިޝަތު މަންޝާ ޝަމީމްގެ ޕެއާއެވެ. މި ދެ ކުޅުންތެރިން ފައިނަލުގައި ވާދަކުރީ ސޯފިޔާ ސުނާން ޝާކިރު އަދި ފާތިމަތު ޒާޝް ޒިޔާދުގެ ޕެއާ އާއެވެ. މި އުމުރުފުރާގެ ތިންވަނަ ހޯދީ އާމިނަތު ކައިސާ ބިންތި ޢަބްދުﷲ އާއި އިންޝާ އިކުލީލު އައްބާސްގެ ޕެއަރއެވެ.

މާލޭ ކެރަމް ހޯލުގައި 12 ވަނަ ކެރަމް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ކުޅުން ފޯރިއާއެކު ކުރިއަށްދާއިރު މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ފިރިހެން ސިންގަލްސް މެޗުތަކެވެ. އަންހެން ސިންގަލްސް މެޗުތައް ތާވަލުކޮށްފައިވަނީ މާދަމާއަށެވެ.