ޚަބަރު

ޕޮލްކޯގެ ސީއީއޯ އަނީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ނިމެންދެން ޒިންމާތަކުން އެކަހެރިކޮށްފި


  • އަނީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ވަނީ ހުށަހެޅިފައި

  • ޕޮލްކޯގެ ކަންކަން ބެލެހެއްޓުން ސެކްރެޓަރީއާ ވަނީ ޙަވާލުކޮށްފައި

ފުލުހުންގެ ވެލްފެއަރ ކުންފުނި، ޕޮލްކޯގެ ސީއީއޯ އަޙްމަދު އަނީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ނިމެންދެން އޭނާ ޒިންމާތަކުން އެކަހެރިކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޕޮލްކޯގެ ސީއީއޯގެ މަޤާމުގައި ހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަޙްމަދު އަނީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ނިމެންދެން ސީއީއޯގެ ޒިންމާތަކުން އޭނާ އެކަހެރިކުރުމަށް މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ޕޮލްކޯގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

ޕޮލްކޯގެ ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ޕޮލްކޯގެ ސެކްރެޓަރީ އިބްރާހީމް ޚަލީލާ ޙަވާލުކުރުމަށްވެސް އެކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ޚަލީލަކީ 2020 ވަނަ އަހަރުގެ ޖުލައި އިން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕޮލްކޯގެ ސީއީއޯގެ އިތުބާރުނެތްކަމުގެ މައްސަލައެއް އެކުންފުނީގެ ބޯޑުން ބަލަން ފަށާފައިވާއިރު، އެކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އެސީސީންވެސް އަންނަނީ ތަޙުޤީޤުކުރަމުންނެވެ.