ޚަބަރު

ހުޅުދެލީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި


  • ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް

ދ. ހުޅުދެލީގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޤާއިމުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އެ ރަށުގައި މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދެއްޏަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހުޅުދެލީގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ރައީސް ޑރ. މުޢިއްޒުވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ އޭޓީއެމްގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ހަޤީޤަތަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށެވެ. އަދި މި އޭޓީއެމާއެކު ހުޅުދެލީގެ ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރިނބުދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފުކުރެވުމަކީ ލިބުނު އުފަލެއް. މި ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް ފަސޭހަކަމާއެކު 24 ގަޑިއިރު ކުރެވޭނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއަކީ މިވަގުތު ރާއްޖޭގައި ބޭންކިންގ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ ކުންފުންޏެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ރަށްތަކުގައި އޭޓީއެމް ވަނީ ބަހައްޓާފައެވެ.