ފަލަސްޠީނުގެ ޣައްޒާއާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް، ވިލާތުގެ އިއްތިޙާދާއި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ދެމެދު ހުރަހަކަށް ވާން ބޭނުންނުވާ ކަމަށް، ޔަހޫދީ ޚާރިޖީ ވަޒީރު ގިޑިޔަން ސާރް ބުނެފިއެވެ.
ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތުގައި ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގެ ބައިވެރިވުން ބާއްވަން ވިސްނަމުންދާ ދަނޑިވަޅެއްގައި، ސާރު ވަނީ އެ އިއްތިޙާދުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް، މަޝްވަރާތައް ބާއްވައިފައެވެ.
ސާރު ވަނީ، ވިލާތުގެ އިއްތިޚާދުގެ ޚާރިޖީ ސިޔާސަތުގެ މުޝީރު، ކާޖާ ކެލަސް އާ އެކު، އީޔޫ-އިސްރާއީލް އެސޯސިއޭޝަން ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓައިފައެވެ. މިއީ 2022 ވަނަ އަހަރުގެ ފަހުން ބޭއްވުނު މި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުން ބޭއްވުނު ކަމާމެދު އުފާފާޅުކުރެއްވި ނަމަވެސް، ކެލަސް ވަނީ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އިޒްރޭލުން ދެމުންދާ ލާއިންސާނީ ޢުދުވާނުތަކާ މެދު ކަންބޮޑުވުންފާޅުކުރައްވައިފައެވެ.
"އިސްރާއީލް ހިމެނޭ ގޮތަށް، އަޅުގަނޑުމެން ތަކުރާރުކޮށް ހުރިހާ ފަރާތްތަކަށް ގޮވާލަމުން މިދަނީ، އިންސާނީ ހައްޤުތަކުގެ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމް ކުރުމަށް،" ކެލަސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހުޅަނގު އައްސޭރީގައި މިހާރު އޮތް ޙާލަތާ މެދު ވިލާތުގެ އިއްތިޙާދުގެ ކަންބޮޑުވުން ބޮޑުކަމަށާއި، ފަލަސްޓީނުގެ ރައްޔިތުން ޣައްޒާގެ އެ މީހުންގެ އަމިއްލަ ގެދޮރަށް އެނބުރި ދިޔުމަށް އެ އިއްތިޙާދުން އަބަދުވެސް ތާޢީދުކުރާ ކަމަށެވެ.
އަދި މިދިޔަ ޖެނުއަރީ މަހުގެ 19އިން ފެށިގެން ޢަމަލުކުރަމުންދާ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ވީއެންމެ އަވަހަކަށް ފެށުމަށް ގޮވާލައްވައި، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތުގައި ވިލާތުގެ އިއްތިޙާދުގެ ދަޢުރެއް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.