ޚަބަރު

މިއަހަރާއި އަންނަ އަހަރަކީ ވަޢުދު ފުއްދާނެ އަހަރު، ދެއަހަރުގެ ބަޖެޓަކީ ވަޢުދު ފުއްދާ ބަޖެޓެއް: ރައީސް


  • ސްކޫލަށް ޖާގަ އިތުރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި

  • އެންމެ އިސްކަންދޭނީ ބިންހިއްކަން

މިއަހަރާއި އަންނަ އަހަރަކީ ވަޢުދުފުއްދުމުގެ އަހަރުކަމަށާއި، މި ދެއަހަރުގެ ބަޖެޓަކީ ވަޢުދު ފުއްދުމުގެ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. ހުޅުދެލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށް ހުޅުދެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ރައްޔިތުން ބޭނުންވާ ގޮތް ރައްޔިިތުން ގާތު އަހައިގެން އެކަންކަން ފުރިހަމަކޮށްދިނުންކަަމަށެވެ.

ރައީސް ވިދާޅުވީ ފާއިތުވި އަހަރަކީ ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ފުއްދުމުގެ ތައްޔާރީތައް އެކުލަވާލި އަހަރުކަމަށާއި، މިހާރު އެކަމުގެ ނަތީޖާއާ ހަމައަށް އާދެވިފައިވާކަމަށެވެ. އެގޮތުން އޭޓީއެމް ޤާއިމްކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކިންގެ ޚިދުމަތް ފެށުނު ފުރަތަމަ އަތޮޅަށް ދ.އަތޮޅުވެފައިވާކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ފެށޭނެ އަހަރަކަށް މިއަހަރު ވާނެކަމަށާއި، ހުޅުދެއްޔަށް އޮތް އެންމެބޮޑު ދައްޗަކީ ބިމުގެ ދަތިކަންކަމަށެވެ. ވުމާއެކު އެރަށުގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކައި ހިމާޔަތްކުރުމަކީ މިއަހަރު ކުރިއަށްގެންދާނެ މަޝްރޫޢެއްކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އެ މަޝްރޫޢު ނިންމެން އޮތް އެންމެ އަވަހަށް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ކުރިއަށް އޮތް ހަފްތާގައި ފުރިހަމަކުރަންޖެހޭ ކަންކަން ކުރާނަން. ކޮންސްޓްރަކްޝަން މިނިސްޓްރީއާއި އެމްޓީސީސީއާއެކު އެއްބަސްވުން އެކުލަވާލައި އީއައިއޭގެ ތެރެއިން ހިއްކެން އޮތް އެންމެ ބޮޑަށް ބިން ހިއްކާނަން. އެންމެ ލަސްވެގެން ޖުލައި މަހު ފަށާނަން. އަދި ފަށައި ހުއްޓާލާނީ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް އެއްކޮށް ނިންމާލުމަށްފަހު". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަކީވެސް އެމަނިކުފާނުގެ ވަޢުދެއްކަން ހަނދާންކުރައްވަމުން ރައީސް ވަނީ ހުޅުދެލީގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރު ޤާއިމްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަދުވެގެން 4 މަސް ދުވަހުގެތެރޭގައި އެ ސެންޓަރު ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ސްކޫލަށްވެސް ޖާގަ އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

"މިރަށު ސްކޫލަށް ޖާގަ ބޭނުންވޭ ހޯލެއް ބޭނުންވޭ. އެހެންކަމުން މިހޯލް މަލްޓިޕާޕަސް ހޯލެއްގޮތަށް އަދި ކްލާސް އިތުރުވާގޮތަށް، އަދި މަލްޓިޕާޕަސް ޖާގަހަދައިދީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް މިއަހަރު ކުރާނަން. އެންމެ ލަސްވެގެން މެއި މަހު އަމަލީ މަސައްކަތް މިރަށުގައި ފަށާނަން.”ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާއިން ހުރި މައްސަލަ ހައްލުކުރުމަށްވެސް ވަޢުދުވެފައިވާކަމަށާއި، މިއަހަރު ސިއްޙީ ދާއިރާއިން ޢުމްރާނީގޮތުން ކުރާ ހުރިހާ މަސައްކަތެއް ހުރިހާ ރަށެއްގައި ފަށާއިރު ހުޅުދެލީގައިވެސް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށަށް ބޭނުންވާ ފެންވަރުގެ ޢިމާރާތާއި ސިއްޙީ ވަސީލަތާއި މުވައްޒަފުން ހަމަވެފައިވާ ފުރިހަމަ ސިއްޙީ މަރުކަޒަކަށް ހަދައިދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހުޅުދެލީގައި އައިސްޕްލާންޓެއް ޤާއިމްކުރުމަށްވެސް ވަޢުދުވެފައިވާކަމަށާއި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭ ލަސްވެގެން އައިސްޕްލާންޓް ޤާއިމްކުރަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިކަމުގައި ސްޕޯޓްސް ފިޝިންގެ ބޮއި 36 ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާއިރު، މިއަހަރު ބޮއި ޤާއިމްކުރާ ރަށްތަކުގެ ލިސްޓުގައި ހުޅުދެލިވެސް ހިމަނާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާއިން ވޮލީކޯޓުގެ މަސައްކަތް ހުޅުދެލީގައި ހިނގަމުންދާކަން ފާހަގަކުރައްވާ ރައީސްވަނީ ވަސީލަތްތައް ހަމަ ޒުވާނުންގެ މަރުކަޒެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި މިއަހަރާއި އަންނަ އަހަރު ކުޅިވަރުގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދަވާނެކަމަށާއި، ހުރިހާ މަޝްރޫޢުތަކެއްވެސް ތަރުތީބުކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މިދެއަހަރަކީ ވަޢުދުތައް ފުއްދާނެ ދެއަހަރުކަމަށާއި، މި ދެއަހަރުގެ ބަޖެޓަކީ ވަޢުދުފުއްދާ ބަޖެޓެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ ކައުންސިލް އިދާރާ ހިންގުމަށް ހިންގާ މަޝްރޫޢަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޗައިނާގެ އެހީގައި ކައުސިލްގެ 50އިދާރާ އެޅުމާއި، ދައުލަތުގެ ބަޖެޓުން 55 އިދާރާ އެޅުން ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ. ވުމާއެކު ޗައިނާގެ އެހީގައި އަޅާ ކައުންސިލް އިދާރާތަކުގެ ފީސިބިލިޓީ ވަރަށް އަވަހަށް ފަށާނެކަމަށާއި، އެއަށްފަހު ޢަމަލީ މަސައްކަތްވެސް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ޤަބޫލުކުރާ ނިޒާމެއްކަމަށާއި، ކައުންސިލަށް ކޮށްދޭ ކޮންމެ ކަމަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޔަޤީންކަން ދެއްވީ އެހެން ރަށްތަކެކޭ އެއްހަމައެއްގައި ހުޅުދެލި ތަރައްޤީކޮށްދެއްވާނެކަމެވެ.