ދ. ހުޅުދެލީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމްކޮށް، ކުނި މެނޭޖްކުރުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށްގެންދިއުމަށް ވެމްކޯއާ ހަވާލުކޮށްފިއެވެ.
ހުޅުދެލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހުޅުދެލީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދަން ހަދަންޖެހޭ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނީގެ ޚިދުމަތް ދިނުމަށް ވެމްކޯއާ އަންނަނީ ހަވާލުކުރަމުންނެވެ.
ވެމްކޯއިން މިހާރު އަންނަނީ ރާއްޖޭގެ ސިޓީތަކުގެ އިތުރުން ލ.ފޮނަދޫއާއި ކ. މާފުށީ އަދި ހިންމަފުށީގައިވެސް ކުނި މެނޭޖްކުރުމުގެ ޙިދުމަތް ފަށާފައެވެ. އަދި ދާދިފަހުން ވަނީ ހއ.ދިއްދޫގައިވެސް ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މީގެ އިތުރުން އިތުރު ރަށްރަށުގައި ވެމްކޯގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.