ޚަބަރު

ޣައްޒާ ޢުދުވާނާ ގުޅިގެން ގެދޮރުން ނިކުތް ޔަހޫދީންގެ ގިނަ ބަޔަކު ވަޒީފާ ނެތިފައި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޤަތުލުޢާންމާ ގުޅިގެން ގިނަ އަދަދެއްގެ ޔަހޫދީންގެ ގެދޮރުނެތިފައިވާއިރު، އޭގެ ތެރެއިން ބޮޑު އިންސައްތައެއްގެ ވަޒީފާ ގެއްލިފައިވާ ކަން ހާމަވެއްޖެއެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ފަށާފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން 2023 އޮކްޓޫބަރު 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާއާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ދީފައިވާ ޙަމަލާތަކެކެވެ. ޣައްޒާ ފުނޑުފުނޑު ކޮށްލުމަށް ހިންގި ލާއިންސާނީ ޖަރީމާތަކާ އެކު ޔަހޫދީންގެ އިޤުތިޞާދަށް ވެސް މި ވަނީ ނުރައްކާތެރި ޙާލަތެއް ކުރިމަތިވެފައެވެ. މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ޙަމާސްގެ ޖިހާދީ ޙަމަލާއާ ގުޅިގެން ޣައްޒާއާއި އިސްރާއީލްގެ ސަރަޙައްދީ ރޮނގު ކައިރީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޔަހޫދީން ރައްކާތެރި ހިސާބުތަކަށް ހިޖުރަ ކުރަން މަޖުބޫރުވިއެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ އެކު، މުސްލިމުންގެ ދިފާޢުގައި ތެދުވެ، މުޖާހިދުންގެ ޖަމާޢަތްތަކުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ޙަމަލާތައް އަމާޒު ކުރަން ފެށިއެވެ. މި ގޮތުން، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ދޭން ފެށި ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން އެތަކެއް ހާސް ޔަހޫދީންނެއް ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދަތުރު ކުރަން މަޖުބޫރުވިއެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާފައި ވަނީ އިޤުތިޞާދީ ގޮތުންނާއި މާލީ ގޮތުން ޚަރަދު ބޮޑު ޢުދުވާނެކެވެ. ޙިޒްބުاللهގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރިވި ޔަހޫދީންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެން ޖެހިފައި ވަނީ ވަގުތީ ހިޔާތަކާއި ހޮޓާތަކުގައެވެ.

އޭގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންގެ ވަޒީފާ ގެއްލިފައިވާ ކަން މިއަދު މި ވަނީ ހާމަވެފައެވެ. މި ކަން ހާމަކޮށްފައި ވަނީ އިސްރާއީލް ޑިމޮކުރަސީ އިންސްޓިޓިޔުޓް (އައިޑީއައި)ންނެވެ. އެ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޒަޔަނިސްޓު ސަރުކާރުން ވަނީ ސަބްސިޑީ ފޯރުކޮށްދީފައެވެ. މިއާ އެކު، ޣައްޒާ ޢުދުވާނާ ގުޅިގެން ކުރަން ޖެހުނު ޚަރަދުތައް އެތަކެއް ބިލިޔަން ޑޮލަރަކަށް އުފުލި، ޔަހޫދީންގެ އިޤުތިޞާދަށް ލޮޅުން އެރިއެވެ.

ޖަނަވަރީ 19ވަނަ ދުވަހު ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޢުދުވާން ހިންގުން ވަނީ މެދުކަނޑައިލާފައެވެ. އަދި، އިސްރާއީލުގެ އުތުރުގެ ރަށްތަކުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެނބުރި ވަޒަނަށް ދިޔުމަށް މަސައްކަތް ފަށާފައެވެ. އޭގެ ތެރެއިން %39 މީހުން އެނބުރި ގެދޮރަށް ދަތުރު ކޮށްފައިވާ ކަމުގައި އައިޑީއައިން ހާމަކުރިއެވެ.

އައިޑީއައިން ބުނީ، ގެދޮރު ގެއްލިފައިވާ ޔަހޫދީންގެ ތެރެއިން %19 މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމުގައެވެ. އަދި، އެ މީހުން އިޤުތިޞާދީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ދަތިތަކާއި، ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމުގައެވެ. އާމްދަނީ ލިބޭނެ މަގެއް ނުފެނި ހާލުގައި ޖެހިފައިވާ ކަމުގައެވެ. 2024ވަނަ އަހަރު ޔަހޫދީންގެ އިޤުތިޞާދު ކުރިއަރާފައި ވަނީ އެންމެ %1ން ކަން ވެސް އައިޑީއައިގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ޣައްޒާ ޢުދުވާނަކީ އިޤުތިޞާދީ ގޮތުންނާއި މާލީ ގޮތުން ބަލައިލާއިރު ޔަހޫދީންނަށް ޚަރަދާއި ގެއްލުން ބޮޑު ޢުދުވާނެއް ކަން ތަފާސްހިސާބުތަކުން ދަނީ ހާމަވެ ސާބިތުވަމުންނެވެ. އިސްރާއީލުގެ ގޭބީސީތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައިން ވަނީ، އެ މީހުންގެ އާމްދަނީ އެތަކެއް ގުނައަކުން ދަށަށް ގޮސްފައިވާ ކަން ހާމަކޮށްފައެވެ.

އަދި، އިސްރާއީލުގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން %44 މީހުން ބުނީ، ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޢުދުވާނާ ގުޅިގެން އެ މީހުންގެ އާމްދަނީ ވެސް ދަށަށް ގޮސްފައިވާ ކަމުގައެވެ. އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ވިޔަފާރިތަކާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޢާއިލާތަކަށެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ބޭންކް އޮފް އިސްރާއީލުން ވެސް ވަނީ ޒަޔަނިސްޓު ސަރުކާރުގެ ޚަރަދު ބޮޑު ޢުދުވާނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ޢުދުވާނަށާއި އަސްކަރިއްޔާއަށް ކުރާ ހޭދަ އެތަކެއް ގުނައަކުން އިތުރު ކުރުމާ ގުޅިގެން އިސްރާއީލުގެ އިޤުތިޞާދަށް އެތަކެއް ނޭދެވޭ އަސަރުތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަން ހާމަކޮށްފައެވެ. މިއާ އެކު، ވަޒީފާ އަދާ ކުރާ މީހުންގެ އަދަދު ދަށްވި ކަމަށާއި، އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ އިމާރާތް ކުރުމުގެ ސިނާއަތަށް ކަން އެ ބޭންކުން ހާމަކުރިއެވެ.

އަނެއްކޮޅުން، ޔަހޫދީންގެ ޢުދުވާނާ އެކު ޣައްޒާގެ އިޤުތިޞާދު ވެސް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. ވަޒީފާ ނެތް މީހުންގެ އަދަދު އެތަކެއް ސަތޭކަ ހާހަކަށް އަރައެވެ. ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ބަންދު ކޮށްފައިވުމާ އެކު، އެ މީހުންނަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ހާލަތުން އަރައިގަނެވޭނެ މަގެއް ފެންނާކަށް ނެތެވެ. މީގެ އިތުރުން، ޓެކުހުގެ ގޮތުގައި ފަލަސްޠީނަށް ޔަހޫދީ ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ބޮޑު އިންސައްތައެއް ވެސް ޔަހޫދީން އޮތީ ހިފަހައްޓާފައެވެ.