ޚަބަރު

އެމްބީއޭ ކަޕް: ފައިނަލަށް ޓީރެކްސް އާއި ކިންގްސް


މިހާރު ކުރިއަށްދާ 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ މެންސް ޑިވިޝަން، ކަޕް ފައިނަލަށް ޓީރެކްސް ބާސްކެޓްބޯލް ކުލަބާއި ކިންގްސް ބާސްކެޓްބޯލް ކުލަބު ދަތުރުކޮށްފިއެވެ.

މި ދެ ޓީމުން ފައިނަލަށް ދަތުރުކޮށްފަވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ. އެ ގޮތުން، ސެމީ ފައިނަލުގައި އިއްޔެ ޓީރެކްސް އިން ވަނީ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް އަތުން 76-70 އިން މޮޅުވެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި ކިންގްސް އިން ފައިނަލަށް ދަތުރުކުރީ ރެޕްޓާސް ބާސްކެޓްބޯލް ކްލަބް 76-50 ގެ ސްކޯރއަކުން ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ޓީރެކްސް އާއި ރެޑްވިންގްސް އޮތީ 19-19 އިން އެއްވަރުވެފަ އެވެ. ދެ ވަނަ ކުއާޓަރު ނިމުނުއިރު، ޓީރެކްސް އިން އެއް ޕޮއިންޓުގެ ލީޑެއް ނަގައި، ތިން ވަނަ ކުއާޓަރުގައި އެ ލީޑުފުޅާކުރި އެވެ. ފަހު ކުއާޓަރަށް ބަލާއިރު، ރެޑްވިންގްސްގެ ސްކޯ ރަނގަޅު ނަމަވެސް، ޓީރެކްސް ކައިރިން ނަތީޖާ އަނބުރާލެވޭ ގޮތްނުވެ، މެޗުން ބަލިވީ އެވެ.

މި މެޗުގައި ރެޑްވިންގްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މުހައްމަދު ޒީދާން ނައީމްއެވެ. އަދި ޓީރެކްސްއިން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔައީ އައިކް އަހުމަދު މައުރޫފްގެ ފަރާތުންނެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ކުއާޓަރުގައި ރެޕްޓާސް އިން ވަނީ 18-11 ގެ ލީޑެއް ނަގާފައެވެ. އެހެން ނަމަވެސް، ދެ ވަނަ ކުއާޓަރުން ފަށައިގެން ކިންގްސް އިން މެޗުގެ ކޮންޓްރޯލް ނަގައި، ޑޮމިނޭޓް ކުރަން ފެށި އެވެ. މި ތިން ކުއާޓަރުގައި ވެސް ކިންގްސްގެ ކުޅުން މިގޮތުގައި ހިފަހައްޓާލާ މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ކިންގްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ މުހައްމަދު ޖިދާދު އިބްރާހިމް އެވެ. އަދި ރެޕްޓާސްއިން އެންމެ ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ އަހުމަދު ރާއިދު ސަލީމްގެ ފަރާތުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ އެވެ.