ޚަބަރު

ޒުވާނުންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން ދޭނެ: ނައިބު ރައީސް


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޒުވާނުންނަށް ކުޅިވަރާއި، އެހެނިހެން ކަންކަމުގައިވެސް ދެއްވެން ހުރި އެންމެހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" އަކީ 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްސަލްގެ އެންމެ ވަރުގަދަ މުބާރާތްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރޭ މުބާރާތުގެ ފައިނަލު މެޗު ނިމިފައިވާއިރު، މުޅި މުބާރާތުންވެސް ފާހަގަކުރެވުނީ ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުޅިވަރުގެ އަޚްލާޤީ މިންގަނޑު ހިފަހައްޓައި ވާދަވެރިކަމާއެކު މެޗުތައް ކުޅުނުތަންކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ސަބަބުން ޒުވާން އައު ކުޅުންތެރިން އުފެދިފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.ޚާއްސަކޮށް އަތޮޅުތެރެއިން މި މުބާރާތައް ބެހެއްޓި ފޯރި އެމަނިކުފާނުގެ ފާހަގަކުރެއްވިއެވެ.

"ރަށްތަކުގެ ފޯރިއާއި ޖޯޝު އެބަހުރި. އައު ޒުވާން މޫނުތަކެއް ފެނިގެންގޮސްފި. ހުނަރުވެރިވެރިންތަކެއް ފެނިގެން ގޮސްފި" މި މުބާރާތުގެ ސަބަބުން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެދެމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވިއެވެ.

އަދި މިފަދަ ބޮޑު މުބާރާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ފުޓްސަލް ޗެލެންޖުގެ ރައީސް ރިޟްވާން މޫސާގެ ހިތްވަރާއި މިންނެތް މަސައްކަތުންކަން ފާހަގަކުރައްވާ އެފަރާތައް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

"މިފަދަ ބޮޑު މުބާރާތެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވޭ ބޭއްވުމަކީ އާދައިގެ ކަމެއް ނޫން. މިހާ ހިސާބަށް އާދެވޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުން. މި ފުރުސަތުގައި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން" މުބާރާތް އިންތިޒާމު ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިިއްޒު ޒުވާނުންނަށް ފަހި ގިނަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އި ޒުވާނުންނަށް ކުޅިވަރާއި އެހެނިހެން ކަންކަމުގައިވެސް ދެއްވެން ހުރި އެންމެހާ އެހީތެރިކަމެއް އެމަނިކުފާނު ދެއްވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.

"މި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވެރިކަމުގައި ޒުވާނުންނަށް، ކުޅިވަރާއި އަދި އެހެނިހެން ކަންކަމުގައިވެސް ލިބެން ހުރި ހުރިހާ ފުރުސަތުތަކެއްގައިވެސް ވަރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދަންނަވަން" ޒުވާނުންނަށް އުއްމީދީ ވާހަކަކޮޅެއް ނައިބު ރައީސް ވިދާޅުވިއެވެ.

ގޯލްޑަން ފުޓްސަލް މުބާރާތް ރޭ ނިމިފައިވާއިރު މި މުބާރަތުގެ ޗެމްޕިއަންކަން ހޯދީ ކާށިދޫއިންނެވެ. ކާށިދޫ ޗެމްޕިއަންކަން ހޯދީ ހދ. ނައިވާދޫ 4-1 އިން ބަލިކޮށްގެންނެވެ. ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް 2025 ގައި ރާއްޖޭގެ 128 ރަށަކުން ވާދަކުރިއެވެ.