ޚަބަރު

ރާއްޖޭގައި އެކްޓިވް ހިމަބިހީގެ ކޭސްއެއް މިވަގުތު ނެތް: ވަޒީރު ޤީލާ


  • ރާއްޖޭގައި މިހާތަނަށް 280 އަށްވުރެ ގިނަ ކޭސްވަނީ ފެނިފައި

  • ބަލިން ރައްކާތެރިވުމަށް މިބުރު 16000 އަށްވުރެ ގިނަ މީހުންނަށް ވެކްސިންދީފައިވޭ

ހިމަބިހީގެ އެކްޓިވް ކޭސްއެއް މިވަގުތު ރާއްޖޭގައި ނެތްކަމަށާއި ބަލީގެ ހާލަތު އޮތީ ކޮންޓްރޯލްކުރެވިފައިކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢާލީ ވިދާޅުވެއްޖެއެވެ. ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ފަރާތުން ރާއްޖެއިން ބަލި ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އެކަމުގައި އުސޫލުގެ ތެރެއިން އަބަދުވެސް ފިޔަވަޅުތައް އަޅައެވެ. މިފަހަރު ހިމަބިހީގެ ކޭސްތައް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެފަހުން މިހާތަނަށް ބަލިޖެހިފައިވާ 282 މީހަކުވަނީ ރިޕޯޓުކޮށްފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ހިމަބިހީގެ ކަންކަން އޮތީ ކޮންޓްރޯލްކުރެވިފައިކަމަށާއި، މިވަގުތު އެކްޓިވް ކޭސްއެއް ރާއްޖޭގައި ނެތްކަމަށެވެ.

"ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީއާއެކު އަސްލު ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް މިއީ. ރާއްޖެއަށް އަންނަ މީހުންގެ ފަރާތުން އަދި އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ގޮސްއައިސް ހެދުމުގެ ތެރޭގައިކަމަށް ބިލެވެނީ މިފަހަރުގެ ކޭސްތައްވެސް ފެށިގެންމިއައީ." ވަޒީރު ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ބަލިން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވެކްސިންކަމަށެވެ. އެގޮތުން މިހާތަނަށް މިބުރު ވެކްސިން ކެމްޕެއިންގެ ތެރެއިން 16000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ ހިމަބިހި ނައްތާލެވުނު 2 ޤައުމުގެ ތެރެއިން އެއް ޤައުމެވެ. 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން ހިމަބިހީގެ ވެކްސިން ރާއްޖޭގައި އަންނަނީ ތުއްތު ކުދިންނަށް ދެމުންނެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާއިންވަނީ ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެކަން އެގޮތުގައި ދެމެހެއްޓުމަށް އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަބަދުވެސް ބޯލަނބަންޖެހެއެވެ. ހަމައެއާއެކު ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަކީވެސް މުހިއްމުކަމެކެވެ.