ޚަބަރު

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ދާނީ ކުރިއަށް: ރައީސް


  • ބައެއް ރަށްރަށުގެ އިޚްތިޞާސް މިހާރު ވަނީ ބޮޑުކޮށްދެއްވާފައި

  • ޑަބްލިއުޑީސީތަކަށް ރޯދަ އެލަވެންސް ދޭން ވަނީ ފަށްޓަވާފައި

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ދާނީ ކުރިއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވާ ސޯޝަލް މީޑިއާގައި ކުރެއްވިި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށްރަށް ދަތުރުކޮށް، ކައުންސިލްތަކުގެ އަޑު ސީދާ އަހައި، ރައްޔިތުންނާ ގާތުން ބައްދަލުވެ، ޙާލަތު ލޮލުން ދެކި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދިނުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މާލީގޮތުން ބާރުވެރިކުރުވައި، ލާމަރުކަޒީ ނިޒާމުގަިއ ހުރި މައްސަލަތައް ހައްލުކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު މިހާތަނަށް ވަނީ ރާއްޖޭގެ އެންމެ ކައުންސިލެއް ފިޔަވައި ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވާފައެވެ. އަދި ބައެއް ކައުންސިލްތަކާ ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރުވެސް ބައްދަލުކުރައްވާފައެވެ. އެކަމުގެ އެންމެ މުހިންމު ބޭނުމަކީ ކައުންސިލްތަކުގެ ހާލަތު ދެނެގަނެ ހުރި މައްސަލަތަކަށް ހައްލުކޮށްދެއްވުމެވެ. މިގޮތުން މިހާތަނަށް ބައެއް ކައުންސިލްތަކުން އެދުނު ކަންކަން ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި ހާސިލްކޮށްދެއްވާފައެވެ.

ކައުންސިލްތަކުގެ އިޚްތިޞާސް ފުޅާކޮށްދެއްވުމަކީވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެމަނިކުފާނު ކުރައްވާ މުހިންމު މަސައްކަތްޕުޅެކެވެ. އެގޮތުން މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގެ އިޚްތިޞާޞްގައި އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި ތާވަތާ ވަނީ ހިމަނުއްވައިދެއްވާފައެވެ. އަދި ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

މާލީ ގޮތުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތުގެ ދަށުން އެޅުއްވި އެންމެ މުހިންމު އަނެއް ފިޔަވަޅަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަމަޟާންމަހުގެ އިނާއަތް ލިބޭނެގޮތް ހަމަޖައްސައިދެއްވުމެވެ. ޤާނޫނަށް ގެނެންނެވި އިޞްލާހާއެކު މި ރަމަޟާންމަހުން ފެށިގެ ކޮންމެ އަހަރަކުވެސް އެކޮމިޓިތަކަށް ރަމަޟާންމަހުގެ އެލަވެންސް ލިބޭނެއެވެ.

މާލީ ގޮތުން ބާރުވެރިކުވުމަށް ކައުންސިލްތަކުން އިޤްތިޞާދީ މަސައްކަތްކުރުމަށް ފަޅުރަށް ދޫކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަންވެސް ދަނީ ތަންފީޒްކުރައްވަމުންނެވެ. ފަޅުރަށްތައް ޕްރޮޕޯސަލް ހުށައަޅައިގެން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ފަހި ފުރުސަތުގައި މިހާތަނަށް 3 ކައުންސިލަކުން 4 ފަޅުރަށް ދީފައިވެއެވެ. އެއީ ރ. އިނގުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލްގެ އިތުރުން ލ. މާވަށު ކައުންސިލެވެ. މި ފުރުސަތުގައި ވަރަށް ގިނަ ކައުންސިލްތަކުން ފަޅުރަށްތައް ހޯދުމަށް ދަނީ ޝަޢުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް މިހާރު ވަނީ ހުށައަޅާފައެވެ.

މީގެއިތުރުން ހާލަތު ދަށް ކައުންސިލްތަކަށް ޚާއްޞަކޮށްގެން ކައުންސިލްތަކުގެ އައު އިމާރާތްތަކެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން 105 ކައުންސިލް އިދާރާ އެޅުމަށް ނިންމަވާފައިވާއިރު ބައެއް ކައުންސިލްތައް އިމާރަތްކުރުމަށް މިހާތަނަށް ވަނީ ބިންގާ އަޅާފައެވެ. ސަރުކާރުން އަމާޒުކޮށްފައިވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކައުންސިލްތަކުގެ %71 މުޅިން އައު ކައުންސިލް ޢިމާރަތްތަކަށް ބަދަލުކުރެވޭނެކަމަށެވެ.