މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިފުރުސަތު މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
ސެޕްޓެމްބަރުމަހުގެ 25 އަދި 26 މި ދެދުވަހު މާފުށީ ސްކޭޓް ޕާކްގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ "ފުރޮޅުފިލާ ޗަރުކޭސް 2026" ސްކޭޓްބޯޑިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެންމެ ތުއްތު ކުއްޖާއިން ފެށިގެންގޮސް ޕްރޯ ސްކޭޓްބޯޑަރުންވެސް އެބައޮތެވެ.
މާފުށީ ފުރޮޅުފިލާ ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތް އިންސާފްކޮށްދެއްވާނީ ބައިނަލްއަޤްވާމީ ޖަޖުންގެ ޕެނަލަކުންނެވެ. މީގެ އިތުރުން މާލެއިން މުބާރާތުގައި ވާދަކުރުމަށް މާފުށްޓަށް ދާ ފަރާތްތަކަށް ފެރީގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭނެކަމަށާ އަދި ގެސްޓްހައުސްގައި މަޑުކުރާނަމަ ޑިސްކައުންޓު އަގެއްގައި ތިބުމުގެ ހަމަޖެހިގެންދާނެކަމަށް "ފުރޮޅުފިލާ"އިންވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދީފައެވެ.
"ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތުގައި އަތޮޅު ތެރެއިން ވާދަކުރާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ ކަންކަން މުޅިން ހިލޭ ހަމަޖެހިފައިވާކަމަށާއި، އުންމީދަކީ މިއަހަރުގެ މުބާރާތުން ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ހުނަރުވެރި އެތުލީޓުން ވިދާލުންކަމަށް "ފުރޮޅުފިލާ" ކުލަބުން ބުނެފަވެއެވެ.
ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ މުބާރާތުގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ވާދަކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއްގެ އިތުރުން މެޑަލްއެއް ލިބޭނެކަމަށް "ފުރޮޅުފިލާ" ކްލަބުން ވަނީ ބުނެފައެވެ.
ސްކޭޓްބޯޑިންގެ ތެރެއަށް އައު އެތުލީޓުން ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މާފުށީގެ ކްލަބެއްކަމަށްވާ "ފުރޮޅުފިލާ"އިން މިދިޔަ އަހަރުވެސް "ފުރޮޅުފިލާ ޗަރުކޭސް" ސްކޭޓްބޯޑިން މުބާރާތްވަނީ ކުރިއަށްގެންގޮސްފައެވެ. ބޮޑު ތަރުހީބެއް ލިބުނު އެމުބާރާތުގައި 80 ސްކޭޓް ބޯޑަރަކުވަނީ ވާދަކޮށްފައެވެ.