އުތުރުގައި ޤާއިމްކޮށްފައިވާ 21 ފެރީ ސްޓޮޕެއް ކައުންސިލްތަކާއި ހަވާލުކުރުމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ. މިފެރީ ސްޓޮޕްތަކަކީ މުޅިރާއްޖެ ގުޅުވައިދޭ ދަތުރުފަތުރުގެ ނިޒާމު، އާރްޓީއެލް ނިޒާމުގައި ބޭނުން ކުރާނެ ފެރީ ސްޓޮޕްތަކެކެވެ.
ފެރީ ސްޓޮޕްތައް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންހުތަކާއި ބެހޭ ވުޒާރާއާ ދެމެދުއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިފެރީ ސްޓޮޕްތައް ހަވާލުކުރުމުގެ ލިއުން އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާ ވަނީ ހަވާލުކުރައްވާފައެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ފަރާތުން ލިއުން ހަވާލުކޮށްދެއްވީ ވަޒީރު މުހައްމަދު އަމީންއެވެ. އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާގެ ފަރާތުން ލިއުމާއި ހަވާލުވެވަޑައިގެންނެވީ، ވަޒީރު އާދަމް ޝަރީފް އުމަރެވެ.
މި އެއްބަސްވުމުގެ ދަށުން، އާރްޓީއެލްގެ ޒޯން 1 ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ޤާއިމްކޮށްފައިވާ ފެރީ ސްޓޮޕްތައް ވަނީ އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާ ހަވާލުކުރައްވާފައެވެ. އަދި އެ ވުޒާރާގެ ބެލުމުގެ ދަށުން އެ ފެރީ ސްޓޮޕްތައް ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް ބަދަލުކުރެވޭނެއެވެ.
އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން، ކައުންސިލްތަކަށް ފެރީ ސްޓޮޕްތައް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ފެރީ ސްޓޮޕްތަކާއި ފެރީ ސްޓޮޕްތައް ޤާއިމްކުރެވިފައިވާ ބިމާ ގުޅޭ ހުރިހާ ހައްގުތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރެވޭނެކަމަށެވެ. މީގެ ސަބަބުން ކޮމާޝަލް އޭރިއާތަކާއި އިންވެގެންވާ ސަރަހައްދު ކުއްޔަށް ދިނުމާއި މާލީ މަންފާ ލިބިގަތުމުގެ ހައްގު ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ. އަދި ދެން އެންމެ އަވަހަށް މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރ އަދި ބ އަތޮޅުގައެވެ. މިދެއަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.