ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ޢިލްމުތައް އަތޮޅުތަކަށް ތަޢާރަފުކުރުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށްޓަވައިފިއެވެ. ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ދަށުން އަތޮޅުތެރެއަށް ޤައުމިއްޔަތާ ގުޅުންހުރި ޢިލްމުތައް އެންމެ ފުރަތަމަ ތަޢާރަފުކުރަން ފަށާފައިވަނީ ހއ. އަތޮޅުގައެވެ. މި ކަން ފާހަގަކުރުމަށް ހއ. އުތީމުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ޢިލްމުތައް އަތޮޅުތަކަށް ތަޢާރަފުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ، މިހާތަނަށްއާއިރު ޤައުމިއްޔަތު މަޝްރޫޢުގެ ދަށުން 2000 އަށްވުރެ ގިނަ ފަރާތްތަކަށް ޤައުމިއްޔަތާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ޤައުމު މިނިވަންކަންމަތީ ދެމިއޮތީ ކާބަފައިން ކުރައްވާފައިވާ ބުރަ މަސައްކަތްތަކަކުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ބޭނުމަކީ ދައުލަތެއް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފެއްދުން ކަމަށެވެ.
"ރާއްޖެއަކީ ދުވަސްވީ ޤަދީމީ ޤައުމެއް. ހޯދުންތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި ދިވެހި ދައުލަތެއް ހިނގަމުންދާތާ 4000 އެއްހާ އަަހަރު ވެއްޖެ. މި ގޮތުން އެކިފަހަރު ދިވެހިންގެ މިނިވަންކަމަށް ލޮޅުން އެރި. ނަމަވެސް ކޮންމެ ފަހަރަކުވެސް އަޅުވެތިކަމަކުން ސަލާމަތްވުމުގެ ތާރީޚެއް މި ޤައުމުގައި އޮތީ." ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އެކުލަވާލާފައިވާ "ދިވެހި ތާރީޚަށް އައު އަލިކަމެއް" މި ފޮތް ދިވެހިބަހާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ވަނީ އިފްތިތާޙްކޮށްފައެވެ. މި ފޮތް ވެބްސައިޓުގައި އިފްތިތާޙުކޮށްދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ލިބިވަޑައިގެންފައިވާ އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަމްބެ)އެވެ.
މި ރަސްމިއްޔާތަށްފަހު ދިވެހި ޤައުމިއްޔަތުގެ ޢިލްމުތައް ހއ. އަތޮޅުގެ ރައްޔިތުންނަށް ވަނީ އަރުވާފައެވެ. މި ޢިލްމުތައް ހުށައަޅައިދެއްވީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރިންނެވެ.
ޤައުމިއްޔަތުގެ ސެޝަނަށްފަހު ބައެއް ބައިވެރިންވަނީ ޕީއެސްއެމް ނިއުސްއާ ޝުޢޫރު ހިއްސާކޮށްފައެވެ. އެ ގޮތުން ޤައުމިއްޔަތާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރުމަކީ ސަރުކާރުން ފަށްޓަވާފައިވާ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރިއެވެ.
"މިއީ އަސްލު ވަރަށް މުހިންމު މަސައްކަތެއް. ދިވެހިންގެ ތާރީޚާއި ޤައުމިއްޔަތެއްގެ ދެމިއޮތުމާ ބެހޭ ވަރަށް މުހިންމު މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ." ބައިވެރިއަކު ބުންޏެވެ.
ދިވެހި ޤައުމިއްޔަތު އަލުން އިޢާދަކުރުމުގެ މަޝްރޫޢަކީ ދިވެހިންގެ އަސްލުތަކާއި ނަސްލާ ބެހޭ މަޢުލޫމާތާއި އިހު އުޅުނު ދިވެހިންގެ ރީތި އާދަކާދަތައް އަދުގެ މުޖުތަމަޢުގައި އަށަގެންނެވުމުގެ މަޝްރޫޢެކެވެ. އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީޚު ދަމަހައްޓައި އޭގެ މުހިންމުކަން ދިވެހިންނަށް ވިސްނައިދިނުމަކީވެސް މި މަޝްރޫޢުގެ ދަށުން ކުރާ މުހިންމު މަސައްކަތެކެވެ.