ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރުމާ އެކު، ޒަޔަނިސްޓު އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅަމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 620 މީހުން މިނިވަން ކުރަން ފަށައިފިއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކުރަން ފަށާފައި ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުން އެކުލަވައިލާފައި ވަނީ، 2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށެވެ. އެއްބަސްވުން އެކުލަވައިލުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ޤަޠަރާއި މިޞްރުންނެވެ. ޔަހޫދީންގެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، 111,000ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
މަރުވެފައިވާ ހަތަރު އަސީރުންގެ ހަށިގަނޑު ޙަމާސުން ޔަހޫދީންނާ ޙަވާލު ކުރުމާ އެކު، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރަން ޖެހޭ އަސީރުންނާއި ޙަވާލު ކުރަން ޖެހޭ ހަށިތަކުގެ އަދަދު ފުރިހަމަވީއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުން ޙަވާލު ކޮށްފައިވާ ހަތަރު ހަށިގަނޑަކީ ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކުގައި މަރުވެފައިވާ ހަތަރު މީހެއްގެ ހަށިގަނޑު ކަމުގައެވެ.
ހުސްވި ހަފުތާގައި ވެސް ޙަމާސުން ވަނީ އިތުރު ބަޔެއްގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފުވެ، ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 620 މީހުން މިނިވަން ކުރުމަށް ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ. އެ ކަން ބަދަލު ކުރުމަށް މިޞްރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މީހުން މިނިވަން ކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ، އިތުރު ހަތަރު އަސީރެއްގެ ހަށިގަނޑު ޙަވާލު ކުރުމާ ގުޅިގެންނެވެ.
ކުރިއަށް އޮތީ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއާ މެދު ގޮތެއް ނިންމުމުގެ މަސައްކަތެވެ. ޙަމާސުން ބުނީ، އެ ކަމާ ގުޅޭ ގޮތުން ޔަހޫދީންނާ މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމުގައެވެ. އަދި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން އިތުރު މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތައް ޙަވާލު ކުރެވޭނީ އެއްބަސްވުމުގެ ދެވަނަ މަރުޙަލާގެ ދަށުން ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
ޙަމާސުން ހަތަރު އަސީރެއްގެ ހަށިގަނޑު ޙަވާލު ކުރުމާ އެކު ޔަހޫދީން މިނިވަން ކުރަން ފަށާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރޭގައި 445 ފިރިހެނުންނާއި 24 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި އުމުރު ދުވަހުގެ ޖަލު ޙުކުމްތައް ތަންފީޒު ކުރަމުންދާ 151 ކުށްވެރިން ހިމެނޭ ކަމުގައި ޙަމާސުން ބުންޏެވެ.
އެ މީހުން މިނިވަންކޮށް، ހުޅަނގު އައްސޭރީގެ ރާމަاللهށް ގެންދަން ފެށުމާ އެކު، ފަލަސްޠީނުގެ ރައްޔިތުން ވަނީ އުފާ ފާޅުކުރަން ފަށާފައެވެ. އަދި، އެ މީހުންނަށް މަރުޙަބާ ކިޔުމަށް އެތަކެއް ސަތޭކަ ބަޔަކު ރާމަاللهގެ މަގުތަކަށް ޖަމާވިއެވެ. އޭގެ ތެރެއިން 580ށްހާ އަސީރުން ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޣައްޒާއަށެވެ. އަދި، ޞިއްޙީ ހާލު ދެރަ ބަލިމީހުން ހަސްފަތާލުތަކަށް ގެންގޮސް ފަރުވާ ދިނުމަށް އެމްބިޔުލާންސްތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހުން ޙަވާލު ކުރަން ޖެހޭނެއެވެ. އަދި، އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތަށް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން 2,000ށްހާ މީހުން މިނިވަން ކުރަން ޖެހޭނެއެވެ.