ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވާދަކޮށް ރާއްޖެއަށް ތާރީހީ ރިހި މެޑަލް ހޯދައިދިން ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މަރުހަބާ ދަންނަވައިފިއެވެ.
ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން ޤައުމީ ޓީމުގެ ކުޅުންތެރިނާއި އޮފިޝަލުން މިއަދު ރާއްޖެއައުމުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ޓީމަށް މަރުހަބާ ދެންނެވީ ނައިބު ރައީސް އާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް އަދި ކުޅިވަރު ވުޒާރާ އާއި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނެވެ.
ނައިބު ރައީސް ވަނީ ރާއްޖޭގެ ޓީމާއި އެއާޕޯޓްގައި ބައްދަލުކުރައްވާ ކުޅުންތެރިން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއަށް މަރުހަބާ ދެންނެވުމުގެ އިތުރުން ޓީމަށް ހިތްވަރުވެސް ދެއްވާފައެވެ.
ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ސާބާ މުބާރާތުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިނުމުން އެކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
"އެކްސް"ގައި ރައީސް ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި ދިވެހި ޤައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.
އިންޑިޔާގެ ނިއުދިއްލީގައި ކުރިޔަށްދިޔަ ތިންވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕުގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ރިހި މެޑެއްޔާއެކު ރާއްޖެއިން މުބާރާތް ނިންމާލުމަކީ ރާއްޖޭގެ ޓީމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އިންޑިޔާ އާއި ނޭޕާލާއި ރާއްޖެ ވާދަކުރި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލު ބަލިކުރުމަށްފަހުއެވެ. ބުދަދުވަހުގެ ރޭ ކުޅުނު ފައިނަލުގައި އިންޑިޔާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 107 - 32 ޕޮއިންޓުންނެވެ.
މުޅި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 7 ޕޮއިންޓް ހޯދި ރައިފާ އިބްރާހީމެވެ. ދެން ރާއްޖޭގެ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދީ 6 ޕޮއިންޓް ހޯދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި އީހައު ޝަމީމެވެ.
އިންޑިޔާއިން އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 20 ހޯދި ދަރުޝީނީއެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ ބައިވެރިއެއްނުވެއެވެ. އެޓީމުން ފަހުވަގުތު ބައިވެރި ނުވުމުން ވަނީ ފިޔަވަޅު އަޅާފައެވެ.
މިއީ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކުން ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ޤައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.