ހއ. އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި މި ޚިދުމަތްދިނުން ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ އިހަވަންދޫ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިހަވަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. އެގޮތުން މިދިޔަ ޖެނުއަރީމަހުގެ 29 ވަނަ ދުވަހު އިހަވަންދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރަމަޟާންމަހުގެ ކުރިން އެ ރަށުގައި ޑައިލިސިސްގެ ޚިދުމަތް ފައްޓަވާނެކަން ރައީސް ވަނީ އިޢުލާންކޮށްދެއްވާފައެވެ.
އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އިހަވަންދޫގެ ތަރައްޤީއާ ކުރިއެރުމަށް މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުންދެއްވާނެކަމަށެވެ.
ވަޒީރު ނާޡިމް ވިދާޅުވީ އިހަވަންދޫގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށިގެންދާނެކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރުވެސް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މާތްﷲގެ އިރާދަފުޅުން ރައީސްގެ މި 5 އަހަރުގެ ދައުރު އެމަނިކުފާނު ނިންމަވަނީ ޞިއްޙީ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށްފަހު." ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީގައި ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން ގެންނަމުންދާކަމަށެވެ. އެގޮތުން ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާއިން ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައްވެސް މި ސަރުކާރުން ގެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މިރަށުގެ ޞިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް އިހުމާލެވެފައިވާކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން މިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން މިއަދު މި ފެށުނު ޚިދުމަތާއެކުވެސް ހާމަވެގެންދާކަން މެންބަރު ފާހަގަކުރެއްވިއެވެ.
"އާދެ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ސަރުކާރު އައުމަށްފަހު ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން އެންމެ އާދައިގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ ތަން. ރައްޔިތުންގެ އަޑު އައްސަވާ ތަން. މި ރަށަށް މިއަދު މި ލިބިގެންދާ ޚިދުމަތަކީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ޝުކުރުވެރިވާ ޚިދުމަތެއް." އިހަވަންދޫ ދާއިރާގެ މެންބަރު ނަޞީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ.
އިހަވަންދޫގައި އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންދާ ލެވެލް 4 ގެ ޞިއްޙީ މަރުކަޒެކެވެ. މި މަރުކަޒުގައި ޑައިލިސިސްގެ ޚިދުމަތް ފަށާފައި މިވަނީ 3 އެނދުގެ ޔުނިޓަކާއެކުގައެވެ. މީގެ ތެރެއިން އެއް އެނދު ޚާއްސަކޮށްފައިވަނީ ޕޭޝަންޓުން އައިސޮލޭޓްކޮށްގެން ފަރުވާދޭން ޖެހިއްޖެ ޙާލަތެއްގައިވެސް ބޭނުންކުރެވޭގޮތަށެވެ.
ޑައިލިސިސްގެ ޚިދުމަތް ހޯދާ 9 މީހަކު މިވަގުތުވެސް މިރަށުގައި އެބަތިއްބެވެ. މީގެ ތެރެއިން 6 މީހަކު ފަރުވާ ހޯދަމުންދަނީ މާލެއިންނެވެ. އަނެއް 3 މީހުން މި ޚިދުމަތަށް ބަރޯސާވާންޖެހެނީ އަތޮޅު ވެރިކަން ކުރާ ރަށް ދިއްދޫ ނުވަތަ ކުޅުދުއްފުށި ސިޓީއަށެވެ. މިކަމުގެ ސަބަބުން މާލީގޮތުންވެސް ބޮޑު ބުރައެއް އުފުލަންޖެހެއެވެ.
އެހެންކަމުން ރަށުގައި ތިބެގެން މި ޚިިދުމަތް ލިބުން ވެގެންދާނީ މިރަށުގެ އިތުރުން ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި މި ރަށުގެ ރައްޔިތުންވެސް ދެކެއެވެ. އަދި މިއީ ރަށުގެ ޞިއްޙީ ނިޒާމަށްވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.
އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އަލަށް އިތުރުކުރެވުނު ޑައިލިސިސް ޔުނިޓާއެކު މި މަރުކަޒުގެ އެނދުގެ އަދަދު މިހާރު މިވަނީ 13 އަށް އިތުރުވެފައެވެ. ޑައިލިސިސްގެ ޚިދުމަތާއެކު އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްގެ ޚިދުމަތްވެސް މިހާރު މި މަރުކަޒުން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން އާންމު ބަލިތަކުގެ 2 ޑޮކްޓަރުންނާއި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މިތަނުގައި ދަނީ މަސައްކަތްކުރަމުންނެވެ. އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ މިވަގުތު ރާއްޖޭގެ ނިސްބަތުންވެސް ހުސް ދިވެހި ނަރުހުން ޚިދުމަތްދޭ ހަމައެކަނި މަރުކަޒެކެވެ.