ޚަބަރު

މަނަދޫ ސްކޭޓް ޕާކު: ކައުންސިލުގެ އުންމީދަކީ ހުނަރުވެރިން އުފެއްދުން


ނ. މަނަދޫ ބަނދަރު ސަރަހައްދުގައި ކައުންސިލުން އިސްނަގައިގެން ގާއިމުކޮށް އާންމުންނަށް ހުޅުވާލާފައިވާ ސްކޭޓް ޕާކަކީ އެ ކުޅިވަރަށް ޝައުގުވެރިވާ ކުދިންނާއި ޒުވާނުންނަށް ކައުންސިލުން ދިން ބޮޑު ހަދިޔާއެވެ.

ސްކޭޓްކުރަން ޝައުގުވެރިވާ ކުދިންނާއި، ޒުވާނުން ރަށުގެ ބަނދަރު މަގުގައި ސްކޭޓް ކުރަމުންދާތީ ކައުންސިލުން އިސް ނަގައިގެން ސްކޭޓިންއަށް ހާއްސަ ޕާކެއް އެޅުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރު ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ނ. މަނަދޫ ކައުންސިލުގެ ރައީސް އަބުދުއްރަހްމާން ސޮބީހް "ފީއެސްއެމް ނިއުސް" އަށް ވިދާޅުވީ ސްކޭޓް ޕާކު ހުޅުވިގެން ދިއުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އެތަނުގެ ބޭނުން ހިފަމުންދާ ކަމަށެވެ.
ސޮބީހް ވިދާޅުވީ މި ސްކޭޓް ޕާކް އެޅުމަށް 8 ލައްކަ ރުފިޔާ ހަރަދުވި ކަމަށާއި މިއީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން ނިންމާލި މަޝްރޫއެއް ކަމަށެވެ.

"ހަގީގަތުގައި ސްކޭޓްޕާކް ހެދުމުގެ ވިސްނުން ބޮޑަށް އައީވެސް ރަށުގައި ހަމަ މިކަމަށް ޝައުގުވެރިވާ ކުދިން އާންމުގޮތެއްގައި އެކި ދުވަސްވަރުގައި ބަނދަރުމަގުގަ އެއްކޮޅުން އަނެއްކޮޅަށް ދުއްވާ. ދެން މިކަހަލަ ކަންތައްތައް ކުރާތީ ސީދާ އެކަމަށް ހާއްސަކޮށް ހަމަ ސްކޭޓް ޕާކެއް ހަދަން ގަސްދުކޮށްގެން މިކަން މި ކުރީ. އިރާދުކުރެއްވިޔާ ވަރަށް ތަރުހީބު ރަނގަޅު. ވަރަށް ގިނަ ކުދިން ޝައުގުވެރިކަމާއެކު މިތަނުގެ ބޭނުން އެބަ ކުރޭ"

ކައުންސިލްގެ ރައީސް ވިދާޅުވީ ސްކޭޓް ޕާކްގެ މައިގަނޑު ބޭނުމަކީ ސްކޭޓުކުރުމަށް ޝައުގުވެރިވާ ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމަށާއި، ސްކޭޓިންގެ ހުނަރުވެރި ކުދިންތަކެއް އެރަށުގައި އުފެއްދުން ކަމަށެވެ.

މަނަދުއަކީ ކުޅިވަރަށް ލޯބި ކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއްކަން ފާހަގަކުރައްވާ ސޮބީހު ވިދާޅުވީ މިހާރު ރައްޔިތުން އެންމެ ބޮޑަށް ކައުންސިލުގައި އެދެނީ ވޮލީ ކޯޓެއް އަޅައިދިނުމަށް ކަމަށެވެ. ސޮބީހު ވިދާޅުވީ ރަށުގައި ކުޅޭ ކުޅިވަރުތަކަކީ އަތޮޅު ތެރޭގައި އޮންނަ މުބާރާތްތަކާއި، ގައުމީ ފެންވަރުގެ މުބާރާތްތަކަށް އެތްލީޓުން އުފެއްދުމަށް ކައުންސިލުން އިސްކަންދީގެން ހިންގާ ކުޅިވަރު މުބާރާތްތަކެއް ކަމަށެވެ.

"ހާއްސަ ގޮތެއްގައި ވޮލީއަށް ހުށަހެޅުން އަންނަނީ. ވަކިން ހާއްސަކޮށް އަންހެނުން. މިދިޔަ އަހަރުވެސް މިއަހަރުވެސް ތަކުރާރުކޮށް އެބޭފުޅުން އެދެމުން އެދަނީ ރަނގަޅު ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް މިތާ ގާއިމުކޮށްދިނުމަށް. މިއަހަރުތެރޭ ގާއިމުކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް (ސަރުކާރުން) ދެއްވާފަ އޮތީ. މިވަގުތަށްވެސް ބޭނުން ކުރެވޭގޮތް އަމިއްލަ ފަރާތެއްގެ އެހީއާއެކު ފެންސުޖަހާފަ ކައުންސިލުން ލައިޓް ޖަހާފަ އޮންނާނީ. ރޭގަނޑަށްވެސް ބޭނުން ކުރެވޭނެ ފުޓްސަލް ދަނޑާއި ޖެހިގެން އެ އޮންނަނީ ވޮލީ ކޯޓު. ރަނގަޅު ފެންވަރެއްގެ ކޯޓެއް ނެތުމުގެ އިޝޫ ވަރަށް ބޮޑަށް ދިމާވޭ." ސޮބީހު ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ނ. އަތޮޅު ވެލިދޫގައި ބާއްވާ ވޮލީ މުބާރާތަށް މަނަދޫއިން ތައްޔާރުވާ ދެ ޖިންސުގެ ވޮލީ ޓީމުތަކަށްވެސް ރަނގަޅު ވޮލީ ކޯޓެއް މުހިންމުކަމަށް ސޮބީހު ވިދާޅުވިއެވެ.

މަނަދޫގައި ގާއިމުކޮށްފައިވާ ކުޅިވަރު ވަސީލަތްތަކުގެ ތެރެއަށް ސްކޭޓް ޕާކު އިތުރުކުރެވިގެންދިޔައިރު، އެރަށުގައި ހުންނަ އިންޑޯ ސްޕޯޓްސް ހޯލުގައިވެސް ކުޅިވަރާއި މުނިފޫހިފިލުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ބިލިއާޑް ބޯޑާއި، ގާލެންޑޯ ފަދަ ކުޅިވަރުތައް ބޭނުން ކޮންމެ މީހަކަށްވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ކައުންސިލާއި، ރަށުގެ ބައެއް އެންޖީއޯތައް ގުޅިގެން މަނަދޫގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތް ކުރާކަންވެސް ސޮބީހު ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންނަށް ސްކޭޓިންގެ އިތުރުން އިރުމަތީ އަވަށުގައި ސްކޭޓްޕާކު ހިމެނޭ ސަރަހައްދުގައި ހުންނަ ކުޑަކުދިންގެ ޕާކުގައި ލައިބްރަރީއެއް ހުންނަކަން ފާހަގަކޮށް ސޮބީހު ވިދާޅުވީ ކޮންމެ އުމުރުފުރައަކާއި ގުޅޭ ފޮތްތައްވެސް އެތަނުގައި ހުންނާނެ ކަމަށެވެ. އަދި މަނަދޫގެ ކޮންމެ ހިސާބަކުންވެސް އެކި އުމުރުގެ މީހުންނާއި ކުދިންނަށް މުނިފޫހިފިލުވުމުގެ ކަންކަން ހަމަޖެހިފައި ހުންނަ ކަމަށެވެ. ކުޅިވަރާއި މުނިފޫހިފިލުވުމަށް އެރަށުގައި އައު ކުޑަކުދިންގެ ބަގީޗާއެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށާއި، ރޯދަމަހުގެ ފަހުން އެތަން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސޮބީހު ވިދާޅުވިއެވެ.

މީގެ އިތުރުން މަނަދޫ ކައުންސިލުން ކޮންމެ އަހަރު ބާއްވާ "ކައުންސިލު ކަޕް" ފުޅާކޮށް މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

ސްކޭޓް ޕާކާއި ގުޅޭ ގޮތުން ސޮބީހު އިތުރަށް ވިދާޅުވީ ކައުންސިލުގެ އަމާޒަކީ ސްކޭޓް ކުރުމުގެ ޝައުގުހުރި ހުނަރުވެރިން. ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވޭ ފެންވަރަށް މަނަދޫއިން ތަމްރީނުވެގެން ދިއުން ކަމަށެވެ.