ޚަބަރު

ސިޓީއާ ގުޅުމުގެ ކުރިން އެގުއޭރޯއާ ވާހަކަ ދެއްކިން: އެޗެވެރީ


އާޖެންޓީނާގެ 20 އަހަރުން ދަށުގެ މިޑްފީލްޑަރު ކްލައުޑިއޯ އެޗެވެރީ، އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބާ ގުޅުމަށް އެއްބަސްވުމުގެ ކުރިން މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ އެގުއޭރޯއާ ވާހަކަ ދެއްކި ކަމަށް އޭނާ ބުނެފިއެވެ.

ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ރިވަރ ޕްލޭޓުން 12.5 މިލިއަން ޕައުންޑަށް ސިޓީން އެޗެވެރީގެ ސޮއި ހޯދިނަމަވެސް އޭނާގެ ހުނަރުވެރިކަން އިތުރުކުރުމަށް އޭނާ އަނބުރާ އާޖެންޓީނާގެ ކްލަބަށް ލޯނެއްގެ ދަށުން ވަނީ ފޮނުވާފައެވެ.

އޭނާ 2025 ވަނަ އަހަރު ފެށީ ސައުތު އެމެރިކާގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި އާޖެންޓީނާގެ ކެޕްޓަންގެ ޒިންމާއާއެކުއެވެ. އަދި މިމުބާރާތުގެ ފައިނަލާއި ހަމައަށް ޓީމު ގެންގޮސްދިނެވެ.

އުމުރުން 19 އަހަރުގެ އެޗެވެރީ އަކީ މެންޗެސްޓާ ސިޓީއަށް ސޮއިކުރި 12 ވަނަ އާޖެންޓީނާ ކުޅުންތެރިޔާއެވެ. ޕެޕް ގުއާޑިއޯލާގެ ސްކޮޑާއި ގުޅެން އޭނާ މިހާރު ހުރީ ތައްޔާރަށް ކަމަށް އެޗެވަރީ ބުނެއެވެ.

"އަހަރެން [ސާޖިއޯ] އެގުއޭރޯއާ ވާހަކަ ދެއްކިން، އާޖެންޓީނާ އާއި މެންޗެސްޓާރ ސިޓީއާއި އޮންނަ ގުޅުން އަހަންނަށް އެނގޭ. ޚާއްސަކޮށް އެގުއޭރޯ" އެޗެވެރީ ބުންޏެވެ.

އެގުއޭރޯއަކީ މެންޗެސްޓާ ސިޓީގެ ލެޖެންޑެއް ކަމަށާއި، އެއީ އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ކަމަށް އެޗެވެރީ ބުންޏެވެ.

"ފުޓްބޯޅައަކީ އަހަރެންގެ ދިރިއުޅުން، އަދި އަހަރެންގެ ހުވަފެނަކީ ޔޫރަޕްގެ އެންމެ މޮޅު އެއް ޓީމަށް ކުޅުން. މިއަދު އަހަރެން މިހުރީ އެ ހުވަފެނާ ގާތުގައި" އެޗެވެރީ އިތުރަށް ބުންޏެވެ.