ޚަބަރު

ފަހުގެ ޓެކޮނޮލޮޖީއާއި ކުޅިވަރުގެ އިތުރު ވަސީލަތްތަކާއެކު ސަލްޓަންޕާކް އަލުން ތަރައްޤީކުރަނީ


  • ސްލަޓަންޕާކު ސަރުކާރަށް ނަގައިގެން ތަރައްޤީކަން ވަނީ ނިންމާފައި

  • ނަން ބަދަލުކުރުން ފިޔަވައި އިތުރު ކުރިއެރުމަށް 5 އަހަރުގެތެރޭ ގެނެސްފައިނުވޭ

ފަހުގެ ޓެކޮނޮލޮޖީއާއި، ކުޅިވަރުގެ އިތުރު ވަސީލަތްތަކާއެކު ސަލްޓަންޕާކް އަލުން ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަލްޓަން ޕާކް މިހާތަނަށް އޮތީ އެއްވެސް ވަރަކަށް އަޅާނުލާ ދޫކޮށްލާފައިކަމަށެވެ. އެތަން ވީރާނާވާން ދޫކޮށްލާފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެތަން މިހާރު ސަރުކާރަށް ނަގައިގެން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. މިހާތަނަށް ސަލްޓަންޕާކް ބަލަހައްޓަމުން ދިޔައީ މާލޭ ސިޓީ ކައުންސިލުންނެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެތެރޭގައި ސަލްޓަންޕާކް ތަރައްޤީކުރާނީ ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒުވާނުންނާއި ކުޑަކުދިންނަށް ޝަޢުގުވެރިކަމާއެކު އެކިކަންކަން ދަސްވާނެ ފަދަގޮތަށްކަމަށެވެ. އަދި ކުޑަކުދިންނާ އާއިލާތަކުން ހިތްގައިމު ވަގުތުހޭދަކުރެވޭނެގޮތަށް އެތަން ތަރައްޤީކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަލްޓަން ޕާކް ތަރައްޤީކުރާނީ މާލޭގެ ޢިއްޒުއްދީން ފާލަން ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭހެން މުޅި ސަރަހައްދުގެ ހިތްފަސޭހަކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެގޮތަށްކަމަށެވެ.

"އޭގެ އިތުރުންވެސް ބޯލިންއެލީފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަންވެސް އިތުރުވެގެންދާނެ. އަދި އިތުރު ފީޗާތައްވެސް ހިމެނޭނެ. އެހެންވީމަ ކުރިއަށް މިއޮތް ހައެއްކަ މަސްދުވަހުގެތެރޭގައި އިރާދަކުރެއްވިއްޔާ ސަލްޓަންޕާކް އަޅުގަނޑުމެން ތަރައްޤީކުރާއިރުގަ މި މުޅި ހިސާބަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަވަގުތުކޮޅެއް ހޭދަކޮށްލުމުގައި ބޭނުންހިފޭނެ އެންމެ ގިނަ ކަންކަން ހިމެނޭ އެންމެ ބޮޑު ސަރަހައްދަށްވާނެ. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަލްޓަން ޕާކް މިހާރު ފެންނަން އޮތްގޮތަށް ތަރައްޤީކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އޭރު އެތަން ހުޅުވިއިރު، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އެތަނުގައި ކުޑަކުދިން ޢާއިލާއާއެކީ އުފާވެރި ވަގުތުތަކެއް ހޭދަކޮއްލެވޭ ގޮތަށް ކުޅޭނެ ވަސީލަތްތަކާއެކު ތިން ޕާކެއް ތަރައްޤީކޮށްފައިވެއެވެ. "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވި އެތަނުގެ ނަން އެންމެ އިހުގައި ބޭނުންކުރި "ސަލްޓަން ޕާކް"ގެ ނަމަށް ބަދަލުކުރުން ފިޔަވާ އިތުރު އެއްވެސް ކުރިއެރުމަށް ފާއިތުވި 5 އަހަރުގެތެރޭގައި ގެނެސްފައެއް ނުވެއެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްފަންނާއި ސަލްޓަން ޕާކުގެ މިހާރު ހުރިހާލަތާމެދު އެމަނިކުފާނު ހިތާމަކުރައްވާކަމަށް ވިދާޅުވެ އެތަން އަލުން ތަރައްޤީކުރައްވާނެކަމަށް ވިދާޅުވެފައެވެ.