މޯލްޑިވިއަންގެ "ހިނިތުންވުމާއެކު ޤައުމީ އެއަރލައިން" ކެމްޕެއިން ރަސްމީކޮށް ފުވައްމުލައް ސިޓީގައި ލޯންޗުކޮށްފިއެވެ. މި ކެމްޕެއިން ލޯންޗުކޮށް ފުވައްމުލަކު ތުނޑީގައި މޯލްޑިވިއަން ހަވީރީއުފާގެ ނަމުގައި ޚާއްސަ ހަރަކާތެއް އިއްޔެ ވަނީ ކުރިއަށްގެންގޮސްފައެވެ.
މޯލްޑިވިއަންގެ "ފްލައި ވިތް އަ ސްމައިލް" ނުވަތަ "ހިނިތުންވުމާއެކު ޤައުމީ އެއަރލައިން" ކެމްޕެއިނަކީ ޕޮޒިޓިވް ކަލްޗަރއެއް ބިނާ ކުރުމާއި މުޖްތަމަޢުއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ފެސިލީޓީ އެންޑް މެއިންޓަނަސް ނަޝާތު ހަމީދު ވިދާޅުވީ، މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ މޯލްޑިވިއަނުން ދަތުރު ކުރާ ހުރިހާ މަންޒިލްތަކެއްގެ މުޖުތަމަޢުއާއި ގުޅުން ބަދަހިކުރުންކަމަށެވެ. އަދި މޯލްޑިވިއަނުން ދެމުންދާ ޚިދުމަތްތައް މިހާރަށް ވުރެ އިތުރަށް ރަނގަޅުކޮށް ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފީޑް ބެކް އަޑުއަހައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަޝާތު ވިދާޅުވީ މި ކެމްޕެއިންގެ ތެރެއިން ވަރަށް ގިނަ ކަންކަން ހިމެނިގެން ދާނެކަމަށެވެ. އޭގެތެރޭގައި މުޖްތައުއާއި ގުޅުން ހުރި ކަންކަމާއި ތިމާވެއްޓާއި ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ގަސް އިނދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާކަމަށް ނަޝާތު ވިދާޅުވިއެވެ.
މި ކެމްޕެއިންގެ ދަށުން ސުކޫލް ނިންމާ ދަރިވަރުންނަށް ވަޒީފާގެ މައިދާނަށް ނުކުންނައިރު ބޭނުންވާނެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ފުވައްމުލަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
ނަޝާތު ވިދާޅުވީ ފުވައްމުލަކު ތުނޑީގައި ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރަކީވެސް މި ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެއްކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ފުވައްމުލަކުގައި ކުރިއަށްދާ މާހެފުގެ ހަރަކާތުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.
"ފުވައްމުލަކުގައި އޮންނަ މާހެފުމުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއްގެ އިވެންޓް. އެއާއެކު އަޅުގަނޑުމެންގެ ކެމްޕެއިން މި ވަނީ ލޯންޗު ކުރެވިފައި. އަޅުގަނޑުމެން މިކަންތައް ހަމަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެ. މި އަހަރަކީ އަޅުގަނޑުމެންގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރުކަމުން އެކި ދިމަ ދިމާލުގައި މި ހަރަކާތްތައް ކުރިއަށް ގެންދާނެ." ނަޝާތު ވިދާޅުވިއެވެ.
މޯލްޑިވިއަނުން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ކިއުއާރް ކޯޑެއް ސްކޭން ކޮށްގެން ރާއްޖޭގެ ބޭނުން މަންޒިލަކަށް ދަތުރުކުރުމުގެ ފުރުޞަތު 3 ފަރާތަކަށް ހުޅުވާލިއެވެ.
ގަޑި ހަމަވުމުން ލަކީ ޑްރޯގައި ބައިވެރިވި ހުރިހާ އެންމެންގެ މެދުގައި ގުރުއަތެއް ވަނީ ނަގާފައެވެ. އެގޮތުން ގުރުއަތުން ނެގުނު 3 ފަރާތަކަށް ވަނީ ރާއްޖޭގެ 3 މަންޒިލަކަށް ދަތުރުކުރުމަށް ޓިކެޓް ހަވާލުކޮށްފައެވެ.