ހަތިޔާރު ތިރިކޮށް، ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި ދެމުންދާ ނިރުބަވެރި ޙަމަލާތައް ހުއްޓައިލުމަށް، އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ގެ ބާނީ ގޮވައިލައިފިއެވެ. މި ވަގުތު ޖަލުގައި ހުރި ޢަބްދުالله އޮޖަލާން މި ކަމަށް ގޮވައިލާފައި ވަނީ ޕީކޭކޭގެ މެންބަރުންނަށް ފޮނުވި ސިޓީއެއްގައެވެ. ޕީކޭކޭން ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ފަށާފައި ވަނީ މީގެ ހަތަރު ދަހަރު ކުރިންނެވެ.
ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ޕީކޭކޭން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިލައި، ހަތިޔާރު ބެހެއްޓުމަކީ، އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނަށް ލިބިވައިޑައިގަންނަވާނެ ފާހަގަ ކޮށްލެވޭ ކާމިޔާބީއަކަށް ވާނެއެވެ. އަދި، ތުރުކީވިލާތުގެ އިރުދެކުނުގެ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ޙައްލުކޮށް، އެ ސަރަޙައްދަށް ތަރައްޤީ ގެނެސްދިނުމަށް މަސައްކަތް ފެށްޓެވޭނެއެވެ. ނަމަވެސް، އޮޖަލާންގެ ގޮވައިލުމަށް ޕީކޭކޭގެ މެންބަރުން އިޙުތިރާމު ކުރާނެ ކަން ސާފު ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
މީގެ އިތުރުން، މިއީ 75 އަހަރުގެ އޮޖަލާނަށް ވެސް ލިބޭނެ ކާމިިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ. ޕީކޭކޭން ހަތިޔާރު ތިރިކޮށްފި ނަމަ، ތުރުކީވިލާތަށް ސުލްޙައާއި ހަމަޖެހުން ގެނައުމަށް އޭނާ ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ތުރުކީވިލާތުގެ އިސްތަންބޫލުގެ ރަށްބޭރުގައި އޮތް ކުޑަ ރަށެއްގައި ބިނާ ކޮށްފައިވާ ޖަލެއްގައި އޮޖަލާން ބަންދު ކޮށްފައި ވަނީ 1999ވަނަ އަހަރުއެވެ.
"އަހުރެން މި ގޮވައިލަނީ ހަތިޔާރު ތިރި ކުރުމަށް، އަދި މި ކަމުގެ ތާރީޚީ ޒިންމާ އަހުރެން އުފުލާނަން،" ސިޓީގައި އޮޖަލާން ބުންޏެވެ. އޭނާގެ ސިޓީ ޢާންމު ކޮށްފައި ވަނީ ކުރުދީންނަށް ތާޢީދު ކުރާ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޑީއީއެމް ޕާޓީގެ ފަރާތުންނެވެ. އޮޖަލާން ބުނީ، ޕީކޭކޭ އުވައިލުމާ މެދު ގޮތެއް ނިންމުމަށް ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅާ ކަމުގައެވެ.
ޕީކޭކޭން ހަތިޔާރު ތިރި ކުރުމަކީ ސޫރިޔާގެ ދާޚިލީ މައްސަލަތަކަށް ޙައްލު ހޯދުމުގައި ވެސް ލިބޭނެ ކުރިއެރުމެކެވެ. އެއާ އެކު، ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސޫރިޔާގެ އުތުރުގެ ސަރަޙައްދުތައް ކޮންޓުރޯލު ކުރުމަށް އެ ޤައުމުގެ ސަރުކާރަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ޤާއިމު ކޮށްފައިވާ ސަރުކާރަކުންނެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިން ވަނީ އޮޖަލާން ދީފައި ވަނީ ރަނގަޅު މެސެޖެއް ކަމަށް ސިފަ ކޮށްފައެވެ. ނަމަވެސް، ޢިރާޤުގައި ހަރަކާތްތެރިވާ ކުރުދީ ހަތިޔާރު އެޅި ޖަމާޢަތްތަކުން އޮޖަލާންގެ ސިޓީއާ ގުޅިގެން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.